އެމްޓީސީސީ ނޯތު ލީގު/ދެވަނަ ޑިވިޝަނުގެ ގްރޫޕް ބީގެ ފަހުމެޗުގައި އިއްޔެ ހަވީރު ފުނަދޫ ޔުނިޓީ ސްޕޯޓްސް ކުލަބް 4 - 1 ން ބަލިކޮށް އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓުން ގްރޫޕުގެ އެއްވަނަ ހޯދައިފި އެވެ.
މިގުރޫޕުގެ ފަހު މެޗުގައި ބަލިވި ނަމަވެސް ދެވަނަ ޓީމުގެ ގޮތުގައި ފުނަދޫ ވެސް ވަނީ ނޯތު ލީގުގެ އެއްވަނަ ޑިވިޝަނަށް ދަތުރު ކޮށްފަ އެވެ. މި ގުރޫޕުގައި ދެން ހިމެނޭ ނަރުދޫގެ ރަމްޒު ސްޕޯޓްސް އެކަޑަމީ ވަނީ ކުޅުން ހުރިހާ މެޗަކުން ބަލިވެ ކަޓާފަ އެވެ..
ފޯކައިދޫއިން އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުނަދޫ 4 - 1 ން ބަލިކުރިއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ފޯކައިދޫ އެވެ. ތިންވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ މާލިކެވެ. އަދި ދެވަނަ ލަނޑު އޭގެ ވިއްސަކަށް މިނެޓުފަހުން ޖަހައިދިނީ އަހުމަދު ރަފީއު އެވެ.
ފުނަދޫގެ ހަމައެކަނި ލަނޑު 36 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އިބްރާހިމް ސައީދެވެ. ފޯކައިދޫގެ ތިންވަނަ ލަނޑުވެސް އަބްދުﷲ މާލިކު ޖަހައިދިންއިރު ފަހު ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ރިޝްވާން އެވެ.
ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭގައި ހދ އަދި ހއ އަތޮޅުގެ ރަށްތައް ވާދަކުރިއިރު މި ގުރޫޕުގެ އެއްވަނައަށް ދިޔައީ ހ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބެވެ. ދެވަނައަށް ދިޔައީ ހދ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ. ދެ ޓީމަށް ވެސް ވަނީ ނޯތު ލީގުގެ އެއްވަނަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ.
ނޯތު ލީގު 4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު ތިންވަނަ ގްރޫޕް/ގްރޫޕް ސީގައި ކުޅޭނީ ނ. އަތޮޅުގެ ރަށްތަކެވެ. މިގްރޫޕުގެ މެޗުތައް އޮގަސްޓް އެއްވަނަ ދުވަހު ފަށާއިރު މެޗުތައް ހޯސްޓު ކުރާނީ ނ. ކެނދިކުޅުދޫގަ އެވެ.