އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުން ދުވާފަރު އެއްވަރުވިއިރު ދެވަނަ މެޗުގައި ދުވާފަރާއި އުނގޫފާރުގެ ކުރިމަތިލުން ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.
ފުރަތަމަ މެޗުގައި ބުދަދުވަހު އަލިފުއްޓާ ވާދަކޮށް ދުވާފަރުވީ 2 - 2 ން އެއްވަރެވެ. އަލިފުށި ދަނޑުގައި ދެޓީމު ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ދުވާފަރުންނެވެ. 4 ވަނަ މިނެޓުގައި އިސްމާއިލް އަހްމަދު ލީޑު ނަގައިދިންއިރު އޭގެ 12 މިނެޓުފަހުން އަނެއްކާވެސް އިސްމާއިލް އަހްމަދު ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.
އެހެންނަމަވެސް އޭގެ ދެމިނެޓު ފަހުން އާދަމް އިމްރާން އަލިފުއްޓަށް ފަރަގު ކުޑަކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފު ދުވާފަރު ކުރީގައި އޮވެގެން ނިމުނުއިރު މެޗުގެ 60 ވަނަ މިނެޓުގައި އަލިފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީ އެޓީމަށް ޕޮއިންޓެއް ހޯދައިދިނީ ރަޒަން އަލީ އެވެ.
ދެވަނަ މެޗުގައި އިއްޔެ ހަވީރު ދުވާފަރުން އަލިފުށީ ދަނޑުގައި އުނގޫފާރު ބަލިކުރަން ނުކުތްނަމަވެސް މިމެޗު ވެސް ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ އުނގޫފާރު ޓީމުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 26 ވަނަ މިނެޓުގައި އަކްރޯރް އުމަރުޖޮނޮވް ވަނީ އުނގޫފާރަށް ލީޑު ނަގައިދީފަ އެވެ.
އެހެންނަމަވެސް 35 ވަނަ މިނެޓުގައި މުހައްމަދު އަލީ ދުވާފަރަށް ނަތީޖާ އެއްވަރުކޮށްދިނެވެ. ދެވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި މުހައްމަދު ޖުމާން ވަނީ ފަހަތުން އަރާ ދުވާފަރަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ދުވާފަރަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކަށެވެ. 69 ވަނަ އާތިފް އިގްބާލް ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެން އޮތް މެޗުގައި އަންނަ އާދިއްތަ ދުވަހު އަލިފުށި ނުކުންނާނީ އަމިއްލަ ދަނޑުގައި އުނގޫފާރާއި ދެކޮޅަށެވެ.