ކޮވިޑް-19 އަނެއްކާވެސް ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން ނެތްކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރުއަހުމަދުނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކޮވިޑުގެ ހާލަތާއި ގުޅިގެން އަލުން ލޮކްޑައުންއަކަަށް ދާނެތޯ މިނިސްޓަރާ ސުވާލުކުރެއްވުމުން އެކަމަށް ޖަވާބުދާރީ ވަމުންނެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޮކްޑައުން ކުރުމަކީ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށާއި ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން ކަމަށެވެ.
މީގެ އިތުރުން، ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭއިރު ސަމާލުވުމަށާއި އެކީގައި ގިނަ ބަޔަކު އުޅޭނަމަ މާސްކު އެޅުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މަޖިލީހުގެ މެންބަރުން އާއްމުންނަށް މިކަމުގައި މިސާލު ދެއްކެވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
''މަޖިލީހުގެ މެންބަރުންވެސް ހަމަ މީހުންނަށް މިސާލެއް ގޮތަށް ދެއްކެވުމަކީ ވަރަށް މުހިއްމު ކަމެއް. ދެން މިކަމާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ހެލްތް މިނިސްޓްރީން ލިބިވަޑައިގަންނަވާނެ،'' މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ މަޖިލީހުގެ އިދާރާއަށް ހެލްތް މިނިސްޓްރީގެ ޓީމެއް ފޮނުވައި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރުންނަށް ކިޔައިދެއްވިދާނެ ކަމަށެވެ.
ގިނަ ދުވަސް ތަކަކަށްފަހު، ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު މިވަނީ އަނެއްކާވެސް ގިނަވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1،202އަށް އަރައެވެ.
ރާއްޖެއިން ކޮވިޑު ޖެހިގެން މިދިޔަ ހަފްތާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ކޮވިޑާ ގުޅުމެއް ނެތް ކަމެއްގައި މަރުވި 13 މީހަކު ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.