ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިމާރާތެއް އެޅުމަށް އާ ބިމެއް ދިނުމުގެ ބަދަލުގައި ސިޓީ ކައުންސިލުން އެހެން ހިޔާލެއް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ސިޓީ ކައުންސިލްގައި އެދުނީ ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރަން އިތުރު ބިމެއް ބޭނުންވާ ކަމަށެވެ. އެއީ އެ ހިދުމަތްތައް އެންމެ ރަނގަޅަށް ދެވޭނީ ރަނގަޅު ފެންވަރުގެ އިމާރާތެއް އަޅައިގެން ކަމަށްވާތީ އެވެ.
މިނިސްޓްރީން އެދުނީ، ހޮސްޕިޓަލްގެ އުތުރުން އޮންނަ ބިމަށެވެ. އެތަނުގައި ބޮޑުމަގަކާއި ހޮނިހިރު ބާޒާރު އޮންނަ ގްރީން ޒޯނާއި ރެސްޓޯރެންޓް އިމާރާތް ހުންނަ ބިމެވެ. އެކަމަކު އެކަމާ ގުޅިގެން އާންމު އަންނަނީ މީސްމީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ.
އެގޮތުން ހޮސްޕިޓަލަށް ބޮޑު ބިމެއް ދީފައިވާއިރު އެތަނުގައި އިމާރާތްތައް އަޅާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ބިން ގެއްލޭގޮތަށްކަމަށާއި ބިން ހޮސްޕިޓަލުގެ މިހާރު ބޭނުންކުރާ ބާ އިމާރާތުން ބައެއް ތަޅާލައި ބިން ނުގެއްލޭގޮތަށް އުސް އިމާރާތެއް އަޅާނެ ޖާގަ ހޮސްޕިޓަލްގެ އިމުގެ ތެރެއިން ލިބޭނެ ކަމަށް އާންމުދަނީ ބުނަމުންނެވެ.
މިމައްސަލާގައި މަޝްވަރާކުރުމަށް ސިޓީ ކައުންސިލުން އިއްޔެ ވަނީ ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އާއި ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުވުމުގައި ސިޓީ ކައުންސިލުން ހުށަހެޅީ، މިނިސްޓްރީން އެދުނު ބިމުގެ ބަދަލަށް، ހޮސްޕިޓާ އިމުގެ ތެރޭގައި އާ އިމާރާތް އަޅައިދިނުމަށެވެ. މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްގެ އެ ހިޔާލަށް ގޮތެއް ނިންމައި ވަރަށް އަވަހަށް އަންގާނެކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މޭޔަރު އާތިފް ވަނީ ރައްޔިތުންނަށް ދެކަމެއްގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ، ކުޅުދުއްފުއްޓަށް އަންނަ އެއްވެސް ތަރައްގީގެ މަޝްރޫއެއްގެ ހުރަހަކަށް ކައުންސިލް ނުވާނެ ކަމަށާއި އަދި ގެނެވޭނެ ހުރިހާމަގެއް ކޮށުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ރައްޔިތުން ގާތު އަހައި އެކަމަށް ގޮތެއް ނިންމާނީ ރައްޔިތުންކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުގެ އިތުރު ތަފުސީލް ރައްޔިތުންނާ ހިއްސާކުރާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބުދުﷲ ނާޒިމް އާއި މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މޭޔަރު އާތިފް އަދި ކުޅުދުއްފުށީގެ ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރު އަހުމަދު އަބުދުﷲ އަދި އާތިފާ އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.