twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިއްދޫއިން ނެއްލައިދޫ ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފި، ފަހު މެޗުގައި ޒިގްޒެގާ ދެކޮޅަށް

މުޙައްމަދު އަހުމަދު
Jul 3, 2022

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތު ލީގުގައި އިއްޔެ ދިއްދޫއިން ނެއްލައިދޫ ބަލިކޮށް އެއްވަނައިގައި ހަމަޖެހިލިއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅުދުއްފުށީގެ ޒިގްޒެގާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ވަނީ އަމިއްލަ ދަނޑުގައި އިއްޔެ 4 - 2 ން ޓީމް ނެއްލައިދޫ ބަލިކޮށްފަ އެވެ. މިމެޗުގައި ނެއްލައިދޫން ވެސް ރަނގަޅު ކުޅުމެއް ވަނީ ދައްކާފަ އެވެ. އެހެންނަމަވެސް އެޓީމު އިއްޔެ ވަނީ ދިއްދޫގެ އަތްދަށު ވެފަ އެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ދިއްދޫއިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ތައުމީން އެވެ. މެޗުގައި ދިއްދޫއިން ލީޑު ނެގި ނަމަވެސް ނެއްލައިދޫއިން ވަނީ 25 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަލީ މުއާޒްގެ ލަނޑުން ނެއްލައިދޫން ނަތީޖާ ހަމަކުރި ނަމަވެސް އެނަތީޖާގައި ހިފަހައްޓާލެވުނީ 10 ވަރަކަށް މިނެޓަށެވެ. ދިއްދޫއިން ދެވަނަ ފަހަރަށް ލީޑު ނެގީ 36 ވަނަ މިނެޓުގައި ހުސެއިން ޝިފާހުގެ ލަނޑުންނެވެ.

55 ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ދިއްދޫއަށް ލީޑު ފުޅާކޮށްދިންއިރު ދިއްދޫގެ ފަހު ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އަހުޒަމް ރަޝީދެވެ. ނެއްލައިދޫގެ 2 ވަނަ ލަނޑަކީ ދިއްދޫގެ ރަހުމަތުﷲ ރަހީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގައި މިހާރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމުގެ މަގު ނެއްލައިދޫ ބަންދުވެފައިވާއިރު ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު އަދި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ވަނީ މި ގްރޫޕުން 1 ވަނަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

އަންނަ ހޯމަ ދުވަހު ކުޅެވޭ މެޗުގައި ދިއްދޫއިން އަމިއްލަ ދަނޑުގައި ޒިގްޒެގާ ދެކޮޅަށް ނުކުންނައިރު ހަނިމާދޫއިން ނުކުންނާނީ އިހަވަންދޫއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355