ކުޅުދުއްފުށީ އެއާޕޯޓުން ޖާގަ ނުލިބޭ ޝަކުވާއަކީ އެ އެއާޕޯޓް ހުޅުވީންސުރެން ސަރަހައްދުގެ ރައްޔިތުން ކުރަންމުން އަންނަ ޝަކުވާއެކެވެ. މިހާރުވެސް އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ އެއާޕޯޓަށް ޖާގަވަނީ ފުލްވެފަ އެވެ.
އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އާންމުކޮށްވެސް ޓިކެޓެއް ލިބޭނީ މަސް ދުވަސް ކުރިން އުޅެގެން ކަމަށެވެ. އެހެން ނޫނީ ޖާގައެއް ހޯދުމަކީ ވުމަށްވުރެއް ނުވުން ގާތް ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސްކޫލު ބަންދުތަކާއި އީދު ބަންދާ ދިމާވެއްޖެނަމަ ކުޅުދުއްފުށީ އެއާޕޯޓުން ޖާގަ ހޯދުމަކީ ވޭނެއް ކަމަށެވެ.
އެހެންވުމުން މިދިޔަ އީދު ބަންދުގައިވެސް ގިނަ ބަޔަކު ދަތުރުކުރަން ޖެހުނީ ކަނޑުމަގުންނާއި ހަނިމާދޫ މަގުންނެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ ޖާގައިގެ މައްސަލަ ހައްލުނުވުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
ކޭއޯއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހު ވިދާޅުވީ ޑިމާންޑާއި ފްލައިޓްތަކުގެ އެވޭލަބިލިޓީއަށްބަލާފައި މިހާރުވެސް ކުޅުދުއްފުށީ އެއާޕޯޓަށް އަންނަނީ ފުލައިޓްތައް އިތުރު ކުރަމުންކަމަށެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ މިހާތަނަށް އިތުރަށް އެންމެ ގިނަ ފްލައިޓް އެޅި މަންޒިލްކަމަށާއި އިތުރަށް އަޅާ ފުލައިޓްތައް އެހާ އެޑްވާންސްކޮށް ނުއެއް ބެލޭނެ ކަމަށެވެ. 3 ނުވަތަ 4 ދުވަސް ކުރިން އެ މަންޒިލަކަށް އިތުރު ފުލައިޓް ބޭނުންވަންޏާ އަޅާނެ ކަމަށް މުޝިލް ވިދާޅުވި އެވެ.
ވެއިޓް ލިސްޓްގައި މީހުންގެ އަދަދު ވަރަށް ގިނަކަމަށާއި ފްލައިޓް އިތުރަށް އަޅާ ގަޑީގައި ވެއިޓް ލިސްޓްގައި ތިބޭ މީހުންނަށް ވަގުތުން ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ކަމުން ވަރަށް ކުޑަވަގުތުކޮޅެއް ތެރޭގައި ފުލައިޓްތައް ފުލްވެގެންދާނެ" މުޝިލް ވިދާޅުވި އެވެ.
ވައިބާ ނޫނީ މެއިލް މެދުވެރިކޮށް ވެއިޓްލިސްޓްކޮށްލެވޭނެ ކަމަށާއި ސްކޫލު ބަންދު ނިމެންދެން ފުލައިޓް އަވެއިލިބިލިޓީއަށާއި ޖާގައިގެ ޑިމާންޑަށް ބަލާފަ އިތުރު ފުލައިޓް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމާންޑް ބޮޑުވުމުގެ ސަބަބުން މިދިޔަ އީދު ބަންދުތެރޭގައިވެސް ކުޅުދުއްފުއްޓަށް ފްލައިޓް އިތުރުކުރި އެވެ.