twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސުވަރުގެ ވަދެވޭނެ 5 ޢަމަލެއް - ސޫރަތުލް މުއުމިނޫން؛

ހ.މ
Jul 21, 2022

އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު އެދުމަކީ އާޚިރަތް ދުވަހުން ސުވަރުގެ ވަދެވުމެވެ. ކިތަންމެ ކުޑަކުޑަ ހެޔޮ އަމަލަކުންވެސް ސުވަރުގެ ލިބުމުގެ މަގު ތަނަވަސްވެފައި ވެއެވެ. އެންމެ މުހިންމު ކަމަކީ ނިޔަތެވެ. ކުރެވޭ އަމަލު ކިތަންމެ ބޮޑު ކަމުގައިވިޔަސް، ނިޔަތް ގޯސްވެއްޖެނަމަ އެކަމެއްގެ ފޮނި މީރުކަން ހާސިލްނުވެދެއެވެ.

ސޫރަތުލް މުއުމިނޫން ގައި މާތް ﷲ ކާމިޔާބު މީހުންގެ އަމަލުތައް ބަޔާންކޮށް ދެއްވާފައިވެއެވެ. އަދި އެމީހުން ވާހުށީ ސުވަރުގޭގައި ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި؛

ނަމާދުގައި މަޑުމައިތިރިވުން

"އެއުރެންނީ އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ" (ސޫރަތުލް މުއުމިނޫން 2)

ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދުންނެވެ. ނަމާދަކީ އަޅާ ހެއްދެވި ޚާލިޤާ ގުޅުވައިދޭ މަތިވެރި އަޅުކަމެކެވެ. ނަމާދު ކުރުމުގައި ހުޝޫއަތްތެރިވެ މަޑުމައިތިރިކަމާއެކު އެ ނަމާދު ޤާއިމުކުރުމަށް ކީރިތި ނަބިއްޔާވެސް އިރުޝާދު ދެއްވާފައިވެއެވެ.

ބޭކާރު ވާހަކަތަކުންނާ ކަންކަމުން ދުރުހެލިވުން

"އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެ ތިބޭ މީހުންނެވެ" (ސޫރަތުލް މުއުމިނޫން 3)

މިއީ އަޅުގަނޑުމެން ނޭނގިޔާ އެނގިގެންވާ ހާލު ތަކުރާރުކޮށް ކުރެވޭ ވަރަށް ނޭދެވޭ ކަމެކެވެ. ތިމާއާ ނުބެހޭ ކަންތައްތަކާ ބެހުމާ، ނެތިމޮށުމާ، ދޮގު ވާހަކަ ދެއްކުމަކީ ވަރަށް ގިނައިން ކުރެވެއެވެ. އަދި ހަމަ އެހެންމެ ފައިދާއެއް ނެތް ބޭކާރު ކަންކަމުގައި ވަގުތުތައް ހޭދަކުރުމަކީވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަމެކެވެ. މިކަންކަމުން ދުރުހެލިވެ ތިބޭ މީހުންނަކީވެސް ކާމިޔާބު ލިބޭނޭ މީހުން ކަމުގައި މާތް ﷲ ވަނީ ބަޔާންކުރައްވާފައިވެއެވެ.

ޒަކާތް ދިނުން

"އަދި އެއުރެންނީ ޒަކާތް ދޭ މީހުންނެވެ" (ސޫރަތުލް މުއުމިނޫން 4)

މާތް ﷲ އަޅުގަނޑުމެންނަށް މުދަލާ ދުނިޔެވީ މުއްސަނދިކަން ދެއްވާފައިވެއެވެ. އަދި އެއިން ޒަކާތް ނެރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ރުކުނެކެވެ. އެއީ އަޅުގަނޑުމެންގެ ތެރެއިންވާ ދެރަ ނިކަމެތީންގެ ހައްގެކެވެ.

އަމާނާތްތަކަށާ އަހުދުތަކަށް ރައްކާތެރިވުން

"އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ" ސޫރަތުލް މުއުމިނޫން -8)
ކާމިޔާބު ލިބިގެންވާ މީހުންގެ އަމަލުތަކުގެ ތެރޭގައި ދެން މާތް ﷲ ބަޔާންކުރައްވާ އަނެއް އަމަލަކީ، ތިމާގެ އަމާނާތްތަކަށާއި އަހުދުތަކަށް ރައްކާތެރިވުމެވެ.

ނަމާދަށް ރައްކާތެރިވުން

"އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ" (ސޫރަތުލް މުއުމިނޫން 9)

ނަމާދު ބަރާބަރަށް ޤާއިމްކޮށް، އެކަލާނގެ ހަޟްރަތުން ދިންނެވުން އެދުމަކީ މާތް ﷲ އެކަމަކާ މެދު އަޅާ ދެކެ ލޯބިވެ ވޮޑިގެންވާ ކަމެކެވެ.

މިކަންކަން ބަޔާންކުރައްވައި މާތް ﷲ ސޫރަތުލް މުއުމިނޫންގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

"އެއުރެންނީ ފިރުދައުސު އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގާ ދެމި ތިބޭ ހުއްޓެވެ"

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355