ސުންނަތް ނަމާދުތަކަކީ، ފަރުޟު 5 ނަމާދުގެ އިތުރަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރި ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ދޫކުރައްވާފައިވާ މަތިވެރި ނަމާދު ތަކެކެވެ. އެ ނަމާދުތަކުގެ މަތިވެރިކަން އެކަލޭގެފާނުގެ ޞައްހަ ހަދީސްތަކުން އައިސްފައިވެއެވެ. އޭގެ ތެރެއިން ފަތިސް ނަމާދުގެ އިހު ސުންނަތަކީ (ފަތިސް ނަމާދުގެ ކުރިން ކުރެވޭ ސުންނަތް 2 ރަކުޢަތް ނަމާދު) މާތްކަމާއި ހެޔޮ ކަމުގެ ގޮތުން ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މާތް ނަމާދެއް ކަމުގައި އެކަލޭގެފާނު ހަދީސް ކުރައްވާފައިވެއެވެ.
އެކަލޭގެފާނުގެ ހަދީސްގެ މާނާގައިވަނީ؛
"ފަތިސް ނަމާދުގެ ކުރީގެ 2 ރަކުޢަތަކީ ދުނިޔެއާ ދުނިޔޭގައި ވާހާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ 2 ރަކުޢަތެވެ" (ޞަޙީހު މުސްލިމް)
ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުން ހުރީ ކިހިނެއްތޯއެވެ؟ ފަރުޟު ކުރެއްވިގެންވާ 5 ނަމާދު ބަރާބަރަށް އަދާ ކުރެވެނީ ކިތައް ދުވަހުތޯއެވެ؟ ފަތިސް ނަމާދު ޖަމާޢަތުގައި އެންމެ ފަހުން އަދާ ކުރެވުނީ ކޮން ދުވަހަކުތޯއެވެ؟ ނޫނީ ގޭގައި ފަތިސް ނަމާދު ގަޑި ޖެހުމުގެ ކުރިން ހޭލައިގެން ކުރީ ކޮން ދުވަހަކުތޯއެވެ؟ ނިކަން އަމިއްލަ ނަފުސާ ސުވާލު ކޮށްލަ ބަލާށެވެ.
ފަރުޟު ނަމާދު ބަރާބަރަށް އަދާ ނުކުރެވޭ ހާލު މިފަދަ މާތް ސުންނަތް ނަމާދުތައް ކުރެވޭނީ ވަކި ކިހިނަކުންތޯއެވެ؟ އަޅުގަނޑުމެންނީ އެއަށްވުރެ ކަންނެތް ބަޔަކީމުއެވެ.
ސުންނަތެއް ވިއްޔާ އަމުދުން އެކަމެއްގެ މުހިންމުކަން އިހްސާސެއް ކުޑަވެސް ނުވެއެވެ. އޭ އިންސާނާއެވެ. ތިމާގެ އަސްލު މަންޒިލަށް ވާސިލްވާނޭ ދުވަސް ދާދި ގާތެވެ. ވަގުތީ އަރާމާ ލައްޒަތް ދޫކޮށް، އާޚިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތް ފަށާށެވެ. ފަރުޟު ނަމާދުތަކުގެ އިތުރުން މިފަދަ މާތް ސުންނަތް ނަމާދުތައްވެސް އަދާ ކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރާށެވެ. އަސްލު ހަގީގީ ކާމިޔާބު ލިބޭ ހުށީ އޭރުންނެވެ.
ފަތިސް ނަމާދުގެ އިހު ސުންނަތް މިހާ މަތިވެރި ސުންނަތަކަށްވީ ހިނދު، ފަރުޟު ފަތިސް ނަމާދުގެ މަތިވެރިކަން ކިހައި ބޮޑުވާނެކަން ހިތަށް ގެނެސްބަލާށެވެ. ވުމާއެކު، ދިރިއުޅުމުގެ ކަންކަން ފަރުޟު ނަމާދުތަކާ މިފަދަ މާތް ސުންނަތް ނަމާދުތައް ކުރެވޭނެގޮތަށް ތަރުތީބު ކުރަމާތޯއެވެ. ކޮންމެ ކަމެއް ކުރިޔަސް ނަމާދު ގަޑިޔަށް ވަގުތު ހުސްކޮށް ފަރުޟު ނަމާދާ ސުންނަތް ނަމާދު ވަގުތަށް އަދާ ކުރަމުން ގެންދަމާތޯއެވެ.
ހައްދަވާ ބޮޑުކުރައްވާ ގަދަ ކީރިތި ވަންތަ ﷲ، އިބަ ރަސްކަލާނގެ ފަރުޟު ކުރެއްވި 5 ނަމާދު އަދާކުރުމުގެ ހެޔޮ ތަޢުފީޤު އަޅަމެންނަށް ދެއްވާށި. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދީފައިވާ މިފަދަ ސުންނަތް ނަމާދުތައްވެސް އަދާ ކުރުމުގެ ވާތްގާއި ހެޔޮ ތަޢުފީޤު މިންވަރު ކޮށްދެއްވާށި. އާމީން.