އިނގިރޭސި ޕްރިމިއާ ލީގާ ޖަރުމަނުގެ ބުންޑަސްލީގާ ރޭ ފަށައިފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ރޭ އާސެނަލުން ވަނީ 2 - 0 ން ކުރިސްޓަލް ޕެލަސް ބަލިކޮށް މޮޅަކުން ލީގު ފަށާފަ އެވެ. އަނެއްކޮޅުން ބުންޑަސްލީގާގެ އެންމެ ކާމިޔާބު ޓީމު ބަޔާން މިއުނިކުން ވެސް ވަނީ ފަސޭހަކަމާއެކު އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް މޮޅަކުން ސީޒަން ފަށާފަ އެވެ.
ޕެލަސްގެ ދަނޑުގައި ރޭ ރާއްޖެގަޑިން ދަންވަރު 12 ޖެހިއިރު ކުޅެވުނު މިމެޗު އާސެނަލުން ކާމިޔާބުކުރީ 2 - 0 ންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ރޭ އާސެނަލުން ލީޑު ނެގި އެވެ. ގެބްރިއެލް މާޓިނޭލީގެ ލަނޑަކުން އާސެނަލުން ލީޑު ނެގީ ބުކާޔޯ ސަކާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. މިލަނޑަކީ ޒިންޗެންކޯ ބޮލުގައި ޖެހިފައި އައި ބޯޅައަކުން މާޓިނޭލީ ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލްގެ ދެވަނަ ލަނޑަކީ ބުކާޔޯ ސަކާ 85 ވަނަ މިނެޓުގައި ނަގައިދިން ބޯޅައެއް ޑިފެންޑްކުރަން އުޅުމުގެ ތެރޭގައި ޕެލަސްގެ މާކް ގޭހީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން މޮޅުވީ 6 - 1 ގެ ބޮޑު ތަފާތަކުންނެވެ. އެންމެފަހު 10 ފަހަރުގެ ޗެމްޕިއަން ބަޔާނަށް މޮޅަކުން ލީގު ފެށުމަކީ ޖެހިޖެހިގެން 11 ވަނަ ފަހަރަށް ލީގު ހޯދުމުގެ އަޒުމުގައި ނުކުތް ނުކުތުމުގައި އެޓީމަށް ރަނގަޅު ފެށުމަކަށް ވާނެ އެވެ.
ބަޔާނުން ވަނީ ރޭގެ މެޗުގެ ފަސް ވަނަ މިނެޓްގައި ލީޑު ނަގާފަ އެވެ. ހިލޭ ޖެހުމަކުން ބަޔާނަށް ލީޑުނަގައިިދިނީ އެޓީމުގެ ޔޯސުއާ ކިމިކް އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑް ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ބަޔާނަށް ތިން ވަނަ ގޯލު ޖަހައިދިނީ ލިވަޕޫލުން އެޓީމާ އަލަށް ގުޅުނު ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. 29 ވަނަ މިނިޓްގައި މާނޭ މިލަނޑު ޖެހީ ސާޖް ގްނެބްރީ ދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
35 ވަނަ މިނެޓުގައި މުލާގެ އެސިސްޓަކުން ޖަމާލް މުސިއާލާ ބަޔާނުގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރިއިރު އެޓީމުގެ ފަސްވަނަ ގޯލަކީ މުލާގެ އެސިސްޓަކުން މެޗުގެ 43 ވަނަ މިނެޓުގައި ގްނެބްރީ ކާމިޔާބުކުރި ގޯލެކެވެ.
ދެ ވަނަ ހާފްގެ 64 ވަނަ މިނެޓްގައި ފްރޭންކްފާޓުނަ އެޓީމުގެ ހަމައެކަނި ގޯލު ޖެހި އެވެ، މިއީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މިލަނޑު ކާމިޔާބުކޮށްދިނީ ރަންޑާލް ކޯލޯ މުއާނީ އެވެ. ސާނޭ ދިން ބޯޅައަކުން ހަވަނަ ލަނޑު ބަޔާނަށް ޖަހައިދިނީ މެޗު ނިމެން 8 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް ހަތަރުވަނަ ލަނޑު ވެސް ޖަހައިދިން މުސިއާލާ އެވެ.