އަފީފުއްދީން ސްކޫލްގެ 18 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ސްކޫލުން ކުރިއަށް ގެންދާ އެނިވާސަރީ ރަންގެ ބިބް މިއަދު ވިއްކަން ފަށައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަންގެ އެކި ވަނަތައްވެސް ހޮވުމަށް ހަމަޖެހިފައިވާއިރު ސްކޫލް ދަރިވަރުންގެ ތެރެއިން އެންމެ އަވަހަށް ނިންމާ 10 ދަރިވަރުން ހޮވުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މުވައްޒަފުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 3 މުވައްޒަފު، އަފީފުއްދީން ސްކޫލް ބެލެނިވެރިންގެ ތެރެއިން އެންމެ ކުރިންނިންމާ އަންހެން އަދި ފިރިހެން 3 ބެލެނިވެރިން، އެހެން ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިިރިހެން 10 ދަރިވަރުން އަދި އާންމުގެ ތެރެއިން އެންމެ ކުރިން ނިންމާ އަންހެން އަދި ފިރިހެން 10 ބައިވެރިންގެ ވަނަތައް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރަންގައި ބައިވެރިވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ނަންތައްވެސް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
އަދި މުޅި ދުވުމުން 1، 2 އަދި 3 ވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރަންގެ ބިބް ދަރިވަރުންނަށް ވިއްކަމުންދަނީ 20 ރުފިޔާއަށެވެ. އާންމުނަށް ބިބް ވިއްކަނީ 50 ރުފިޔާއަށެވެ. ހާއްސަ ނަންބަރުތަކުގެ ބިބް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށް ވުރެ ކުޑަނޫން އަގެއްގަ އެވެ.
އެންމެ އަގުބޮޑު ބިބް، އެންމެ ގިނަ ބިބް އަދި އެންމެ ގިނަ ބިބް ވިއްކާ މަންދޫބަކަށް މެޑެލް ދިނުމަށް ހަމޖެހިފައިވާ މި ރަންގެ ބިބް ވިއްކުން ކުރިއަށްދާނީ މިއަދާއި މާދަމާ ސްކޫލުގައެވެ. ހެނދުނު 09:00 ން 12:00 އަށް އަދި ހަވީރު 16:00 ން 18:00 އަށް ބިބް ވިއްކާނެ އެވެ.