ދާދިފަހުން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގެ 200 މީޓަރު ސްޕްރިންޓް ދުވެ ޕާސަނަލް ބެސްޓް ހެދި ކުޅުދުއްފުށީގެ ފަހުރުވެރި އެތްލީޓް ރިފާ މުހައްމަދު އަނެއްކާ މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ސްޕްރިންޓްގައި ދުވެ ޕާސަނަލް ރެކޯޑް އާކޮށްފި އެވެ.
ކޮމަންވެލްތް ގޭމްސްގައި ވެސް ދުވެ ރިފާ ވަނީ ޕާސަނަލް ބެސްޓް ހަދާފަ އެވެ. އެއީ 26.87 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެކުރިން ރިފާގެ އެންމެ ބާރު ޓައިމިން އަކީ 27.15 ސިކުންތެވެ. ނަމަވެސް މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޕާސަނަލް ބެސްޓް އަލުން އާކޮށް ރިފާ މިވަނީ ކާމިޔާބީގެ އިތުރު ބޮޅެއް ހަދާ ކުޅުދުއްފުށި ފަހުރުވެރި ކޮށްދީފަ އެވެ. މިފަހަރުގެ ރިފާގެ ޓައިމިން އަކީ 26.09 އެކެވެ. މިއީ 0.78 ސިކުންތުގެ ކުރިއެރުމެކެވެ. ކުރީ ފަހަރު ލިބުނު 0.28 ސިކުންތުގެ ކުރިއެރުމަށް ވުރެ މިފަހަރު ހޯދި ކުރިއެރުން ބޮޑުކަން ފާހަގަކޮށްލެވެ އެވެ.
ކޮންމެ މުބާރާތަކުން ވެސް ރިފާ ކުރިއެރުން ހޯދަމުން އަންނައިރު އޭނާ ވަނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސްގެ 4 ގުނަ 100 މީޓަރު ރިލޭ ޓީމުގައި ހިމެނި ގައުމީ ރެކޯޑް ވެސް މުގުރާލާފަ އެވެ. 200 މީޓަރު ދުވުންތަކުން އަދި 400 މީޓަރު ދުވުންތަކުން ފާހަގަކޮށްލެވޭ އެތްލީޓް ރިފާ މުހައްމަދު ވަނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސް ރިލޭ ޓީމުގައި ހިމެނި ގައުމީ ރެކޯޑް މުގުރާލާފަ އެވެ.
ރިފާއާއެކު ދެން ގައުމީ ރިލޭ ޓީމުގައި ހިމެނުނީ އަރަމުން އަންނަ ޒުވާން ދުވުންތެރިންކަމުގައިވާ މަރިޔަމް އަލްހާ ހުސެއިންއާއި އައިމިނަތު ލަޔާނާ މުހައްމަދެވެ. އަދި ރާއްޖޭގެ އެންމެބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ ވަނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި 21 އަހަރުވީ 100 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލާފަ އެވެ.
އަންހެން ރިލޭ ޓީމުން މިރެޚޯޑް މުގުރާލީ މިފަހަރުގެ ގޭމްސްގައި 49.19 ސިކުންތުން ދުވެގެންނެވެ. ކުރީގެ ރެކޯޑަކީ 50.16 އެވެ. މިއީ 0.97 ސިކުންތުގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެ އެވެ. ކުރިން މިރެކޯޑް ހަދާފައިވަނީ ސައުތް އޭޝިއަން ގޭމްސްގަ އެވެ. އެފަހަރުގެ ޓީމުގައި ހިމެނުނީ ރިފާއާއި އަލްހާ އަދި ހިމްނާގެ އިތުރުން ސާރާ މައްސޫދު އެވެ.
ކުޅުދުއްފުއްޓަށް އުފަން ރިފާއަކީ ކުޅުދުއްފުށީގެ ޝަރީފް ސްޕޯޓްސްގައި 2013 އިން ފެށިގެން ތަމްރީންވަމުން އަންނަ ހުނަރުވެރި ދުވުންތެރިއެކެވެ. ރަށު ފެންވަރުން ފެށިގެން އެކި މުބާރާތްތަކުގައި ވާދަކުރަމުން އައި ރިފާއަކީ މިހާރު ގައުމީ ޓީމުގެ މުހިންމު އެތްލީޓެކެވެ. ރިފާ އަންނަނީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ގައުމާއި ރަށް ފަހުރުވެރިކޮށްދީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.