މުސްތަގުބަލު ބިނާކުރުމަށް އެންމެ މުހިންމުކަމަކީ އީޖާދީ އިންސާނީ ޖީލެއް އުފެއްދުންކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުގައި ކުރިއަށްގެންދާ ޔަންގް އިންޖިނިއާރސް ޕްރޮގުރާމް ރާއްޖޭގައި އިފްތިތާހްކުރުމުގެ ގޮތުން ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓްގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ޅަފަތުގެ ދުވަސްވަރު ތުއްތު ކުދިންނަށް ކްރިޓިކަލް ތިންކިންގ ނުވަތަ އެ ކުދިންގެ ވިސްނުން އެހެން ގޮތްގޮތަށް ބޭނުންކުރަން ދަސްކުރެވޭނެ ކަހަލަ ޕްރޮގުރާމްތަކަކީ ކުދިންގެ ސިކުނޑި އިތުރަށް ތަރައްގީވެ ކުދިން ވިސްނާ ގޮތް ބަދަލުކޮށް ތައުލީމް ހާސިލުކުރުމުގައި ކުދިން ،ކުރިއަށްދިޔުމަށްޓަކާ އެ ކުދިންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.
މޭޔަރު ވިދާޅުވީ، ތަރައްގީއަށް މަސައްކަތްކުރާއިރު ރަނގަޅު ޖީލެއް ބިނާކުރުމަކީ އެންމެންނަށްވެސް އެންމެ މުހިންމު ކަންކަން ކަމަށާއި މުސްތަގުބަލުގެ ޖީލް ކުރިއަރައި ދިޔުމަކީ މި އާބާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ތަރައްގީއަށް މަސައްކަތްކުރާއިރު ރަނގަޅު ޖީލެއް ބިނާކުރުމަކީ އެންމެންނަށްވެސް އެންމެ މުހިންމު ކަންކަން ކަމަށާއި މުސްތަގުބަލުގެ ޖީލް ކުރިއަރައި ދިޔުމަކީ މި އާބާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ކުރިއަރާފައި ހުރި ހަލޯރަތްތައް ކުރިއަރާފައި ހުރި އެންމެ ބޮޑު ސަބަބެއްކަމުގައި ތާރީހު ދައްކާ ހަގީގަތަކީ އެތަނެއްގެ އިންސާނުންގެ ވިސްނުން ކުރިއަރާ ދިޔުމާއި އެތަނެއްގެ ތައުލީމީ ފެންވަރު ކުރިއަރާ ދިޔުންކަން މޭޔަރު ވިދާޅުވި އެވެ.
ދުނިޔޭގެ މަޝްރޫއު ޔުނިވާސިޓީތައް ގަބޫލުކުރާ ފެންވަރުގެ މިފަދަ ޕްރޮގުރާމެއް ފެށޭއިރު އެންމެ ފުރަތަމަ ކުޅުދުއްފުށީގައި ފެށިގެންދާ ދިޔުމަކީ ސިޓީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ކުރިއެރުމެއްގެ ގޮތުގައި މޭޔަރު ވިދާޅުވި އެވެ. އަދި ސްމާޓް ވެލީގެ ކެޕޭސިޓީ ހުރިވަރަކުން މިސަރަހައްދުގައި އެހެން ރަށްތަކުގައި މި ޕްރޮގުރާމް ކުރިއަށްގެންދިޔުމަށްވެސް އެދިވަޑައިގެންނެވި އެވެ.
2008 ވަނަ އަހަރު އުފެދިފައިވާ ޔަންގް އިންޖިނިއާރސް ޕްރޮގުރާމް ކުރިއަށްގެންދާ މަޝްހޫރު ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަނު، އިޓަލީ ޖަޕާން، ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ.
މިރަސްމިއްޔާތުގެ ސްމާޓް ވެލީ އިންސްޓިޓިއުޓްގެ ވެރިންނާއި ޓީޗަރުން އަދި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ. މި އިންސްޓިޓިއުޓްގެ ދަށުން މިހާރުވެސް ކުޅުދުއްފުށީގައި އަންނަނީ ޕްލޭ ސްކޫލެއް ހިންގަމުންނެވެ.