twitterviber whatsapp telegramfacebookyoutube instagram
11th September 2026

ދަރުމައިގެ ގޮތުން ހައްޖުގެ އަޅުކަމާ އެއްވަރުވެގެންވާ 5 ކަމެއް

ހ.މ
Aug 13, 2022

އިސްލާމް ދީނުގެ 5 ވަނަ ރުކުން ކަމުގައިވާ ކުޅަދާނަކަން ލިބިގެންވާ މީހާ "ކަޢުބަތުﷲ ގެފުޅަށް ގޮސް ހައްޖުވުން" އަކީ، މުސްލިމް ކޮންމެ މީހަކުމެ ބޭނުންވާ އެންމެ ބޮޑު އެއް އުންމީދެވެ. ސަވާބާއި ދަރުމަ އިތުރުވެގެންވާ އެއަޅުކަން އަދާކުރަން ނިޔަތް ގަނެ އެކަމަށް މަސައްކަތް ކުރަމުންދާ ކިތަންމެ ބަޔަކު އަހުރެމެންގެ ތެރެއިންވެއެވެ.

ނަމަވެސް، މި ފަރުޟު އަދާކުރުމުގެ ނަސީބު ލިބެނީ މަދު މީހަކަށެވެ. އެފަދަ ތަނަވަސް ކަމެއް ނެތުމުންނެވެ. ތަނަވަސްކަން ހުރެމެ، ދެވޭނެ ގޮތެއް ނެތުމުންނެވެ. މާތް ﷲ އަޅަމެންނަށް ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާށި. އާމީން.

މިލިޔުމުގައި ބަލާލާފައިވާނީ ދަރުމައިގެ ގޮތުން ހައްޖުގެ އަޅުކަމާ އެއްވަރުވެގެންވާ ކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم ބަޔާންކޮށް ދެއްވައި އުންމަތަށް ހަދިޔާ ކުރައްވާފައިވާ 5 ކަމެއްގެ މައްޗަށެވެ. އެގޮތުން ފާހަގަކޮށްލެވޭ 5 ކަމެއް ތިރީގައި އެވަނީއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުން

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "މައިންބަފައިންނަށް ކިޔަމަންވެ ހެޔޮކޮށް ކަންތައްތައް ކޮށްފި މީހަކަށް، ހައްޖަކާއި އުމްރާއަކާއި އަދި މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދަކަށް ލިބޭ އަޖުރު ހުއްޓެވެ. (ތަބަރާނީ)

މިސްކިތުގައި ކުރެވޭ ހެޔޮ އަމަލުން

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "ހެޔޮކަމެއް އުނގަންނައި ދިނުމުގެ ނިޔަތުގައި ނުވަތަ ދަސްކުރުމުގެ ނިޔަތުގައި މިސްކިތަށް ގޮސްފިމީހާއަށް ހައްޖަކާއި އެއްވަރުގެ އަޖުރު ހުއްޓެވެ." (ތަބަރާނީ)

ފަރުޟު ނަމާދުކުރުން

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "ވުޟޫކޮށްގެން ފަރުޟު ނަމާދަށް މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު އަދާ ކުރާ މީހާއަށް ހައްޖެއް އަދާކުރުމުން ލިބޭ އަޖުރު ހުއްޓެވެ." (އަބޫ ދާވޫދު)

ފަތިސް ނަމާދަށްފަހު އިރުއަރަންދެން މިސްކިތުގައި ހެޔޮ ޒިކުރު ކުރުމުގައި ހޭދަކުރުން

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު، އިރުއަރަންދެން މާތް ﷲގެ މަތިން ހަނދުމަކޮށް ޒިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ." (ތިރުމިޒީ)

ރަމަޟާންމަހު ކުރެވޭ ޢުމްރާ

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ "ރަމަޟާންމަހު ކުރެވޭ ޢުމްރާއިން ލިބޭ އަޖުރު، ތިމަންކަލޭގެފާނާއެކު ކުރެވޭ ހައްޖަކާއި އެއްވަރު ވެގެންވެއެވެ." (މުސްލިމް)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293