twitterviber whatsapp telegramfacebookyoutube instagram
21st November 2024

ދަރިން: މާތްﷲ ދެއްވާފައިވާ އަމާނާތް؛

ހ.މ
Aug 27, 2022

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ދިރިއުޅުމުގައި ދަރިން ލިބޭ ހިސާބުން އުފަލާ ހިތްހަމަ ޖެހުން ނެތިގޮސް، ބޮޑެތި ހަމަނުޖެހުން ތަކަކަށް ބަދަލުވެއެވެ. ބައެއް މީހުންގެ ކައިވެނި ރޫޅި ދަރިން ނިކަމެތިވެއެވެ. ސުވާލަކީ ތިބާގެ ޒަވާޖީ ހަޔާތުގެ މައްސަލައަކަށްވަނީ ދަރިންތޯއެވެ؟

ނޫނެކެވެ. ދަރިންނަކީ މާތްﷲ ދެއްވަވާ ދުނިޔެވީ ބޮޑު ނިއުމަތެކެވެ. އެއީ ޒަވާޖީ ހަޔާތެއްގެ ދިރުމެވެ. ދެމަފިރިންގެ ގުޅުމާއި ލޯބި ބަދަހި ކުރުވާ މެދުވެރިއެކެވެ. ގޭތެރޭގެ ފަޅުކަން ފިލުވައިދީ ހިތްތަކަށް ހަމަޖެހުން ގެނުވައިދޭ ރަޙްމަތެކެވެ. މިނިއުމަތް ނުލިބޭ ނުވަތަ މަހްރޫމްވެފައިވާ މީހުންނަށް ނޫނީ މިކަމުގެ ހިތްދަތި ކަމެއް އިހްސާސެއް ނުކުރެވޭނެއެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ދުނިޔެއާ އާޚިރަތަށް މަސައްކަތް ކުރާ ޞާލިހް ދަރިއެއް މުޖުތަމައަށް ނެރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މިހާރުގެ މުޖުތަމައުގައި ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށްވެސް ބޮޑު ގޮންޖެހުމެކެވެ. ޓެކްނޮލޮޖީއާއި އިންޓަރނެޓުގެ ލުއިފަސޭހަ ކަމާއެކު، މަގުން ކައްސާލައިގެން ދަރިން ދެވޭނެ އެތައް މަގުތަކެއްވަނީ ހުޅުވިފައެވެ.

ވުމާއެކު، ރަނގަޅު މަގުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މާތްﷲ ގެ ފުރިހަމަ ވާތްގަށް އެދި ދެންނެވުމަކީ، ތިމާގެ މަސައްކަތުގައި ބަރަކާތްލައްވާނޭ ކަމެކެވެ. އެހެންކަމުން ދަރިންގެ ކަންކަމުގައި ރަނގަޅު ގޮތް ވުމަށް އެދި ދުޢާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މައިންބަފައިން ދަރިންނަށް ކުރާ ދުޢާއަކީ އިޖާބަ ވުމާމެދު ޝައްކެއްނެތް ދުޢާއެއް ކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސުން އައިސްފައިވެސްވެއެވެ. އެކަލޭގެފާނުގެ ހަދީސް ބަސްފުޅެއްގެ މާނާގައިވަނީ؛

"3 ދުޢާއެއް އިޖާބަވުމާ މެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިންގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ" (ތިރުމިޒީ)

ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ:

ޞާލިޙް ދަރިން ކަމުގައި ލެއްވުން އެދި ކުރެވޭ ދުޢާ

1. "رَبِّ هَبْ لِي مِنَ الصَّالِحِينَ"

މާނައީ "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޞާލިހުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!" (ސޫރަތުލް ޞައްފާތުގެ 100)

2." رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا"

މާނައީ "....އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ލައްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!" (ސޫރަތުލް ފުރުޤާން 74)

ނަމާދަށް ފަރުވާތެރި ދަރިންތަކެއް ކަމުގައި ލެއްވުން އެދި ކުރެވޭ ދުޢާ:

" رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ"

މާނައީ "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިން ކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!" (ސޫރަތުލް އިބްރާހީމް 40)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355