twitterviber whatsapp telegramfacebookyoutube instagram
11th November 2026

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 6, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރަށްރަށުގައި ހިންގާ އެކި ހަރަކާތްތަކަށް ފަންޑު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީ ދޫކުރަނީ އަހަރަކު ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. އިއްޔެ ހުޅުވާލީ މި އަހަރުގެ ތިން ވަނަ ފިޔަވައްސަށެވެ.

މި ފިޔަވަހީގައި މުޅި ޖުމްލަ 10 މަޝްރޫއެއް ހޮވުމަށް ހަމަޖެހިފައިވާ އިރު އެ ފުރުސަތު ދޭނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އެކަންޏެވެ.

އެ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އޭގެ ތެރެއިން ހޮވޭ ކޮންމެ މަޝްރޫއެއް ހިންގުމަށްޓަކައި ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާ ދޭނެއެވެ.

އެ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީއެމްއެލުން އެދެނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް [email protected] އަށް އީމެއިލް ކުރުމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން ބީއެމްއެލްއިން ވަނީ ފާއިތުވި އަހަރުތަކުގައި ޖުމްލަ 70 ޕްރޮޖެކްޓަކަށް އެހީވެފައެވެ. އެ ޕްރޮޖެކްޓްތަކާއި ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293