އަސާސީ ހިދުމަތްތަކުގެ އަގު ހުރިހާ ރަށެއްގައި އެއްހަމައެއްގައި ނެގުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ގޮވާލައްވައިފި އެވެ.
އަސާސީ ހިދުމަތްތަކުގެ އަގު ހުރިހާ ރަށެއްގައި އެއްހަމައެއްގައި ނެގުމަށް ޔާސިރު ގޮވާލާފައިވަނީ މިއަދު ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ހުށައެޅުއްވި ގަރާރަށް ތާއީދުކޮށް އެ ގަރާރަށް ބަހުސްކުރައްވަމުންނެވެ.
"އަޅުގަނޑު ހަމަ ގަބޫލުކުރަނީ ފެނާއި ކަރަންޓާއި ނަރުދަމާއަކީ އަސާސީ ހިދުމަތްތައްކަމާއި އަސާސީ ހައްގުތައްކަން އެވާހަކަތައް ދެއްކެން ޖެހޭނެކަން. އަދި ހަމަ އެހެންމެ ލާމަރުކަޒުކޮށް ރާއްޖެ ހިންގަން ޖެހޭކަން ގަބޫލުކޮށް އެ މަގަށް މަސައްކަތް މިކުރަނީ އަޅުގަނޑުމެން." ޔާސިރު ވިދާޅުވި އެވެ.
މި ގަރާރުގައި އޮތް ވާހަކަތަކަށް ބަލާއިރު ކުދި ވިޔަފާރިތައް އަތޮޅުތެރޭގައި ތަރައްގީކުރުމަށްޓަކާ މިއަށްވުރެ އަގުހެޔޮ ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އެއްހަމައެއްގައި ހުރިހާ ވިޔަފާރިތަކަށްވެސް ކަރަންޓް ލިބެން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށާއި މާބޮޑަށް ރަށްތަކުގައި ހުރި ވިޔަފާރިތަކަށް އެހީތެރިކަން ބޭނުންވާކަން ގަބޫލުކުރައްވާ ކަމަށް މެމްބަރު ޔާސިރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މާބޮޑު ކަންބޮޑުވުމެއް އެބައޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެނާއި ކަރަންޓާއި ނަރުދަމާ މި އަސާސީ ހިދުމަތްތައް ދިވެހިރާއްޖޭގެ އެންމެންހާ ރައްޔިތުންނަށް އެއްހަމައެއްގައި ދެވެން ޖެހޭނެ ހިދުމަތްތަކެއް." ޔާސިރު ވިދާޅުވި އެވެ.
ޔާސިރު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހައްގުތަކުގެ ތެރޭގައި ވަކި ރަށެއް ތަފާތުކުރަން ކަނޑައަޅާފަ ނެތް ކަމަށާއި ފެނާއި ނަރުދަމާގެ ގާނޫނެއް އުފަންކުރިއިރުވެސް ވަކި ރަށަކަށް ތަފާތުކޮށްފައެއް ނެތްކަމަށެވެ.
މެމްބަރު ހާއްސަކޮށް ފާހަގަކުރިގޮތުގައި ކުޅުދުއްފުށީގައި ނަރުދަމާއިން ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނުނެގޭ ޗާޖެއް ނަގާ ކަމަށާއި އެވާހަކަ މަޖިލީހުގަ އެކި ފަހަރު ދެއްކިފައިވެސްވާނެ ކަމަށެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދިނުމަށް މަސައްކަތްކުރަމުންދާއިރު އެންމެ ބޮޑަށް ނިކުންނާނެ މައްސަލައަކީ އަގު ކަނޑައެޅުމުގެ މައްސަލަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ނަރުދަމާއަކީވެސް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއްކަމަށެވެ. އެހެންނަމަވެސް ކުޅުދުއްފުށީ ރައްޔިތުންވެސް އެ ހިދުމަތް ބޭނުންކުރަނީ ރާއްޖޭގެ އެހެން ރައްޔިތުންވެސް ނަރުދަމާ ބޭނުންކުރާ ގޮތަށްކަމަށެވެ.
"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ އެހެން ރަށްތަކުގައި ނުނަގައި ފީ އެއް. ފިކްސްޑް ޗާޖެއް. ކުޅުދުއްފުށީގައި ނެގެން ޖެހޭނެ އުސޫލެއް. އަޅުގަނޑުމެންނަކަށް ނުވިސްނޭ." ޔާސިރު ވިދާޅުވި އެވެ.