ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ރެއާލް ސޮސިއެޑާޑް އަތުން ބަލިވިއިރު ޒިއުރިކް އެފްސީ ބަލިކޮށް އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
1 - 0 ން ސޮސިއެޑާޑް އަތުން ޔުނައިޓެޑް ބަލިވިއިރު އާސެނަލުން ވަނީ ރަށުން ބޭރުގައި ކުޅެ 2 - 1 ން ޒިއުރިކް އެފްސީގެ މައްޗަށް ކުރި ހޯދާފަ އެވެ.
ޔުނައިޓެޑް ބަލިކޮށް ސޮސިއެޑާޑުން މި ހޯދި މޮޅަކީ އެޓީމަށް ތަރީހީ މޮޅެކެވެ. މި މޮޅަކީ ސޮސިއެޑާޑްގެ ތާރީހުގައި ވެސް ރަށުން ބޭރުގައި އިނގިރޭސި ކުލަބެއް އަތުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ސޮސިއެޑާޑުން ޖެހި ހަމައެކަނި ލަނޑަކީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރައިސް މެންޑޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ރޮނާލްޑޯއާއި ކަސެމީރޯއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ރޭ އާސެނަލުން ޒިއުރިކް އެފްސީގެ ދަނޑުގައި 16 ވަނަ މިނެޓުގައި ލީޑު ނެގި އެވެ. މާކުއީނިއޯސްގެ ލަނޑުން އެޓީމު ލީޑުނެގި އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން މާލިން ކްރިޒޭއޫގެ ލަނޑުން ޒިއުރިކުން އެއްވަރުކުރި އެވެ. އާސެނަލް މޮޅުވި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖެހީ އެންކެޓިއޭ އެވެ.
ރޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލުން ވެސް ވަނީ 3 - 0 އިން ސައިޕްރަސްގެ އޮމޯނިއާގެ މައްޗަށް ކުރިހޯދާފަ އެވެ. ޕީއެސްވީ އައިންދޯވަން އާއި ނޯވޭގެ ބޯޑޯ/ގިލްމްޑް ބައްދަލުކުރި މެޗު 1 - 1 ން އެއްވަރުވިއިރު ލާޒިއޯއިން ވަނީ 4 - 2 ން ފެޔަނޫޑް ބަލިކޮށްފަ އެވެ. އަދި ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން ރޯމާ ވަނީ 2 - 1 ން ބަލިވެފަ އެވެ.