twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު އަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 19, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އިނގިރޭސިވިލާތުގެ ތަހުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެގައުމުގައި އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިހްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ މި ސެޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިޔުއްވާފައިވެއެވެ.

މި ދެ މެސެޖުގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 ވަނަ އަށާއި، ޝާހީ އާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ގައުމުތަކުގެ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތް ބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި، ރާނީގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ އަނބިކަނބަލުން ލިޔުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މި ދަތުރުފުޅުގައި ވަޑައިގެންނެވުމުގެ ކުރިން، އެކަމަނާގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުމުން، އިނގިރޭސި ރާނީގެ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާކަން ފާހަގަކުރައްވަމުން، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ފާހަގަކުރައްވާފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ގައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ހިދުމަތްތަކަށް ތައުރީފު ކުރައްވާފައެވެ.

ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި މިއަދު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355