ޔުއެފާ ނޭޝަންސް ލީގުގައި ރޭ ހަންގޭރީ ބަލިކޮށް އިޓަލީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ވާދަވެރިކޮށް ދިޔަ އިންގްލެންޑާއި ޖަރުމަނު މެޗު އެއްވަރުވެއްޖެ އެވެ.
ނޭޝަންސް ލީގުގައި ރޭ އިޓަލީން ހަންގޭރީ ބަލިކުރީ 2 - 0 ންނެވެ. އަދި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު ނިމުނީ 3 - 3 ން އެއްވަރުވެގެންނެވެ.
ނޭޝަންސް ލީގުގެ ސެމީއަށް މިހާރު 3 ގައުމަކުން ވަނީ ދަތުރުކޮށްފަ އެވެ. އެއީ އިޓަލީ، ނެދަލެންޑްސް އަދި ކްރޮއޭޝިއާ އެވެ. ފަހު ޖާގައަށް ވާދަކުރާ ގައުމުތަކަކީ ސްޕެއިނާއި ޕޯޗުގަލް އެވެ.
އިޓަލީ ސެމީއަށް ދަތުރުކުރީ ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ސީގެ އެއް ވަނަ ހޯދައިގެންނެވެ. އެޓީމުން ވަނީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހޯދާފަ އެވެ. ދެވަނަ ހޯދި ހަންގޭރީއަށް ހަ މެޗުން ލިބުނީ 10 ޕޮއިންޓެވެ. ޖަރުމަނަށް ހަ މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް އިންގްލެންޑް ގްރޫޕް ނިންމާލީ ހަ މެޗުން ލިބުނު 3 ޕޮއިންޓާއެކު އެވެ. އިންގްލެންޑް ވަނީ ލީގުގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.
އިޓަލީން ރޭ ހަންގޭރީ 2 - 0 ން ބަލިކުރީ ހަންގޭރީގެ އަމިއްލަ ދަނޑުގަ އެވެ. މިލަނޑު ޖެހީ އިޓަލީގެ ފޯވާޑް ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. ފުރަތަމަ ހާފު ނިމުނީ 1 - 0 ން އިޓަލީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އިޓަލީގެ ފެޑެރީކޯ ޑިމާކޯ ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ވެމްބްލީގައި ރޭ ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު 3 - 3 ން ވީ އެއްވަރެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖެހީ އިލްކާ ގުންޑޮގާން އެވެ. މިއީ ހެރީ މެގުއާ އޭރިއާތެރެއިން ޖަރުމަނުގެ ޖަމާލް މުސިއާލާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 67 ވަނަ މިނެޓްގައި ޖަރުމަނުގެ ދެ ވަނަ ގޯލު ޖެހީ ކައި ހަވާޓްޒް ޖަހައިދިންއިރު އޭގެ ފަހުން 12 މިނިޓް ތެރޭ ތިން ގޯލު ޖަހައި އިންގްލެންޑުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ.
އިންގްލެންޑްގެ ފުރަތަމަ ގޯލު 71 ވަަނަ މިނިޓްގައި ޖެހީ ލޫކް ޝޯ އެވެ. 75 ވަނަ މިނެޓުގައި މޭސަން މައުންޓް ވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޖޫޑް ބެލިންހަމް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ހެރީ ކޭން އިންގްލެންޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ.
އެހެންނަމަވެސް 87 ވަނަ މިނެޓްގައި ކައި ހަވާޓްޒް ވަނީ ޖަރުމަނުގެ ތިންވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށް ޖަރުމަނު ބަލިނުވެ ސަލާމަތްކޮށްދީފަ އެވެ.