twitterviber whatsapp telegramfacebookyoutube instagram
29th September 2023

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުގެ ނުފޫޒުނެތުމުން، ނަތީޖާ ރަނގަޅު: ރައީސް

ނަބީލާ އިސްމާޢީލް
Oct 4, 2022

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިހްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރުނބާ މޯލްޑިވްސްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަފްލާގައި ވިދާޅުވީ ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތަޖުރިބާއިން ފެންނަ އެއްކަމަކީ ގައުމީ ތަރައްގީއާ ގުޅިފައިވާ ސިނާއަތްތައް ތަރައްގީކުރުމުގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަން ޖެހޭ ގުޅުމާއި، ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ސިނާއަތްތަކަށް ސަރުކާރުން ގޮތް ފާޑު ނުކިޔައި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާކަމުގައެވެ.

ރައީސް ވިދާޅުވީ ހިތްވަރާ އަޒުމާއި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަށް ބުންވަރު ހުރެއްޖެ ނަމަ ބަޔަކު ދުވަހަކު ހިޔާލަށް ނުގެންނަ އަދި އެއްގޮތަކަށް ނުވެސް ނެތް ކަމެއް ވެސް، ތަރައްގީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެ ކަމުގައެވެ.

ރައީސް ވަނީ ދިވެހިރާއްޖޭގެ ޒުވާން ޖީލު، ގައުމަށްޓަކައި އާ ކޮންމެވެސް ސިނާއަތެއް، އުފެއްދުމެއް ނުވަތަ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރެއްވުމަށާއި، މުޅި ދިވެހި ގައުމަށް ބޭނުންތެރި މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފެށުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށެވެ.

އަދި އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވެވިއެވެ.

އަދި ޓްރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ ފަންނާނުންނާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނާއި މި ސިނާއައަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ޖަމްއިއްޔާތައް ވެސް ޝާމިލުކޮށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 77 ބޭފުޅަކަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ހަވާލުކޮށްދެއްވާފައެވެ. އަދި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާއަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަބްދުﷲ މައުޞޫމް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ އަކީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެ ފަހު ޙަފްލާއެވެ. އަދި މި ހަފްލާގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355