twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޓަނެޓާއި ޓެކްނޯލޮޖީއަކީ އެއާއި ނުލައި މިއަދު ދިރިއުޅެވެން ނެތް އެއްޗެއް: ނައިބް ރައީސް

ނަބީލާ އިސްމާޢީލް
Oct 4, 2022

އިންޓަނެޓާއި، ޓެކްނޯލޮޖީގެ ވަސީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސައިބާ ސޭފް މޯލްޑިވްސް ގައުމީ ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ "ނޭޝަނަލް ސައިބާ ސެކިއުރިޓީ އެވެއާނަސް މަންތް"ގެ ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ކުރަންޖެހުނު ތަޖުރިބާގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ މުހިއްމުކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަނެޓާއި ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި، ވަކި އުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ހަރަކާތްތަކަކީ ގައުމީ ފެންވަރުގައި ހިންގޭ ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ ތެރެއިން މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ 'އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމާސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ މި މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ހަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ހަރަކާތެއް ހިންގާނެ އެވެ. އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.

އިންޓަނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355