ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތް ރާވާ ހިންގާނީ ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށްގެންނެވެ.
ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ނަމުގައި، މިއަހަރު ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ކުރިއަށްގެންދާ މި ފުޓްބޯޅަ މުބާރާތަކީ 11 ސައިޑްގެ މުބާރާތެކެވެ. މިއީ މިގޮތަށް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.
މުބާރާތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް ބިޑް އުސޫލުން ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ބުދަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީގެ ޓީމުތަކަށް ވާދަކުރެވޭގޮތަށް މިފަދަ މިމުބާރާތެއް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަކީ ވަރަށް ގިނަ ޒުވާނުންގެ އެދުމެއް ކަމަށެވެ.
އެކި އެސޯޝަންސިއޭޝަންތަކާ ގުޅިގެން ތަފާތު އެކި މުބާރާތްތައް ކުޅުދުއްފުށީގައި ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން މުހައްމަދު ވިދާޅުވީ، ޔޫތު ޑޭ އާ ގުޅިގެންވެސް ގިނަ ކުޅިވަރުތަކެއް ކުރިއަށްގެންދިޔަ ކަމަށާ އެފަދަ ހަރަކާތްތަކުގެ އުޅޭ ޒުވާނުންވެސް އެންމެ އެދޭކަމަކީ މިފަދަ މުބާރާތެއް ވާދަވެރިކޮށް ރަށުގައި ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅިވަރު މުބާރާތްތަކުގެ ސަބަބުން ރަށުގެ ކުށުގެ ވެށި ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމަށެވެ. އެގޮތުން ފުލުހުންގެ ތަފާސް ހިސާބުތަކަކާ ހަވާލާދެއްވަމުން މުހައްމަދު ވިދާޅުވީ، ކުޅިވަރު މުބާރާތެއް އޮންނަ ދުވަސްވަރުގައި ރަށުގެ ކުށުގެ ވެށި ނިސްބަތުން ވަރަށް ބޮޑު ތަނުން ދަށްވާ ކަމަށެވެ.
ދާދި ފަހުން ބޭއްވި، ޓެކާސް މުބާރާތާއި ޖަޒީރާ ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، މިފަދަ ކާމިޔާބިތަކުން އެނގިގެންދަނީ ފުޓްބޯޅަ ކުޅޭ ފަރާތްތަކަށް މިފަދަ ފުރުސަތު ފަހިކޮށްދޭން ޖެހޭކަމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ބޮޑު ފުޓްބޯޅަ ސީޒަނެއް ރަށުގައި ކުރިއަށްގެންދިޔުމަކީ ކައުންސިލުގެ ވިސްނުމެއް ކަމަށާއި އެއީ ވޯރކް ޕްލޭންގައި ހިމެނި، ބަޖެޓްކުރެވިފައިވާ ކަމެއްކަމަށެވެ. އަދި މިއީ ބޮޑު ފުޓްބޯޅަ ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވިދާޅުވި އެވެ.