ކުޅުދުއްފުށީގެ ހަތަރު މިސްކިތެއްގައި ސޯލާ ޕެނަލު ގާއިމުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ. އެގޮތުން މި މިސްކިތްތަކުގައި ސޯލާ ހަރުކުރުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދައްކަން ބުދަ ދުވަހު ވަނީ ބަޖެޓް ފާސްކޮށްފަ އެވެ.
ސިޓީ ކައުންސިލުގައި ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި މިކަމަށް ހިނގާ ހަރަދުގެ އެޑްވާންސް ފައިސާގެ ގޮތުގައި ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ.
ބައެއް މިސްކިތުގައި ސޯލާ ޕެނަލު ހަރުކުރުމަށް ފެށި މި މަސައްކަތް މިދިޔަ އަހަރު ފެނަކައާ މަޝްވަރާކުރެވި ފުރާޅުތައް ސާވޭ ކުރި އެވެ. ސިންގަލް ސޯސްކޮށް ސަރުކާރުގެ އެސްއޯއޭއަކާ ހަވާލުކުރާ ޕްރޮޖެކްޓެއްކަމުން ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް ލިބިފައިވާއިރު ޑީޓެއިލް ޕްރޮޕޯސަލްވެސް ވަނީ ލިބިފަ އެވެ.
މި ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ހަތަރު މިސްކިތުގައި ސޯލާ ޕެނަލު ހަރުކުރުމަށް މުޅި މަޝްރޫއުއަށް 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"ދެން ހަމަ އެއާއެކު މި އަހަރު އަޅުގަނޑުމެން ކުރަންޖެހޭ ހަރަދެއްގެ ގޮތުގައި މި ފާހަގަވަނީ އެކަމަށް އެޑްވާންސް ފައިސާގެ ގޮތުގައި އަޅުގަނޑުމެން ދައްކަންޖެހޭ 15 ޕަސެންޓް، އެއީ ގާތްގަނޑަކަށް 2 ލައްކަ ފަންސާސް ހާހާއި 3 ލައްކަ ރުފިޔާއާއި ދޭތެރޭގެ އަދަދެއް." މޭޔަރު ވިދާޅުވި އެވެ.
އެޑްވާންސް ފައިސާގެ ގޮތުގައި މިއަހަރު ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ހުށަހެޅީ މެމްބަރު މުހައްމަދު ދާއުދެވެ. ހުރިހާ މެމްބަރުގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވި އެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުހައްމަދު ވިދާޅުވީ، މި ކައުންސިލު އައުމަށްފަހު މިސްކިތްތަކުގައި އޭސީ ޖައްސާގޮތްތަށް ކޮންމެވެސް ވަރަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
"ކުރީގަ ހުކުރު ދުވަހަކަށްވެސް އޭސީ ނުޖެއްސޭގޮތަށް ހުއްޓާލާފަ. ދިމާވާ އެންމެ ބޮޑު މައްސަލައަކަށް އަޅުގަނޑަށް ފާހަގަވަނީ ފުރިހަމައަށް އޭސީ ޖައްސައިފިއްޔާ މިސްކިތަކުން ގާތްގަނޑަކަށް ކަރަންޓު ބިލުގެ ގޮތުގައި 25000 އާއި 30000 ދެމެދުގެ ކޮންމެ މިސްކިތެއްގެ އަދި ބައެއް މިސްކިތްތަކުގެ އެއަށްވުރެއްވެސް މައްޗަށް އެބަ ހަރަދުތައް ދޭ." ކައުންސިލަރު މުހައްމަދު ވިދާޅުވި އެވެ.
ސޯލާ ޕެނަލު ހަރުކުރެވުމުން ދާއިމީ ގޮތެއްގައި މިސްކިތްތަކުގައި އޭސީ ޖައްސައިގެން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މިސްކިތްތައް ސޯލާ ކުރެވިގެން މެނުވީ މިސްކިތްތަކުގައި ދެމެހެއްޓެނިވި ގޮތަކަށް އޭއާކޮންޑިޝަން ޖެއްސުމަކީ ކުރެވޭވަރުގެ ހަރަދުތަކެއް ނޫން ކަމަށެވެ. ސޯލާ ހަރުކުރެވިގެން ދިޔުމުން މިހާރު އޭސީ ހަރުކޮށްފައި ހުރި މިސްކިތްތަކުގައި ދާއިމީގޮތެއްގައި އޭސީ ޖެއްސިގެންދާނެ ކަމަށެވެ.