އެސްޓީއޯ މަކިޓާ 13 ވަނަ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ކުޅުދުއްފުށި ސިޓީގެ ޝަރީފް ސްޕޯޓްސްގެ އެތްލީޓް އަހްނާ ނިޒާރު ހޯދައިފި އެވެ.
އަހްނާ ވަނީ މިފަހަރު ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ހޯދާފަ އެވެ. އަދި އޭނާ ވަނީ ވާދަކުރި ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާ ހުރިހާ އިވެންޓެއްގެ މީޓް ރެކޯޑް ވެސް ހަދާފަ އެވެ.
100 މީޓަރު ދުވުމުން އަހްނާ ރަން މެޑަލް ހާސިލްކުރީ 13.37 ސިކުންތުން ދުވެގެންނެވެ. އަހްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާ އެވެ. އޭނާ ވަނީ ދާދިފަހުން މާލޭގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ދުވެ 100 މީޓަރާއި 200 މީޓަރުން ރާއްޖޭގެ މޮޅެތި އެތްލީޓުން ފަހަތަށް ޖައްސާލާ ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
200 މީޓަރު ދުވުމުން ވެސް އަހްނާ އެއްވަނަ ހޯދިއިރު އޭނާ ވަނީ 100 މީޓަރުގެ އިތުރުން 200 މީޓަރުން ވެސް މީޓް ރެކޯޑް ހަދާފަ އެވެ. އަހްނާ 200 މީޓަރު ސްޕްރިންޓް ނިންމީ 27.92 ސިކުންތުންނެވެ.
އޭނާ ވަނީ ލޯންގް ޖަމްޕު އިވެންޓުން ވެސް ރަން މެޑަލް ހާސިލްކޮށްފަ އެވެ. މީޓް ރެކޯޑް ހެދި މިއިވެންޓުގައި އަހްނާ ވަނީ 4.76 މީޓަރަށް ފުންމާފަ އެވެ.
މީގެކުރިން ވެސް އަހްނާ ވަނީ އެތައް އިވެންޓަކުން ރަންވަނަތައް ހޯދާ ރަށަށް ރީތިނަން ހޯދައިދީފަ އެވެ. މީގެކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި އަހްނާ ވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އޮލިމްޕިކްސްގައި ވާދަކޮށް ގައުމަށް ބައިނަލްއަގްވާމީ މެޑަލްއެއް ހޯދައިދިނުން ކަމަށް ބުނެފަ އެވެ.
އަހްނާ މިހާރު އަންނަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެތްލީޓުންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށް އެތްލެޓިކްސް ކެރިއަރުގައި އުޖާލާ ކުރިމަގެއް ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ.
100 މީޓަރާއި 200 މީޓަރު އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހާސިލް ކުރުމުގެ އިތުރުން އަހްނާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމާއި މުޅި މުބާރާތުން އެންމެ މޮޅު އަންހެން އެތްލީޓުގެ ފަހުރު ހާސިލްކޮށް ކުޅުދުއްފުށީގެ ނަން ރަން އަކުރުން ފަވާލާފަ އެވެ.