twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒުވާން އުމުރެއްގައި އަހްނާ ރާއްޖޭގެ ދެވަނައަށް، އަމާޒަކީ އޮލިމްޕިކްސްގައި ވާދަކުރުން

މުޙައްމަދު އަހުމަދު
Sep 25, 2022
2

އެންމެ 15 އަހަރުގައި ރާއްޖޭގެ އެތައް އެތްލީޓުންނެއް ފަހަތަށް ޖައްސާލާ 100 މީޓަރު ސްޕްރިންޓްގެ ދެވަނަ ހޯދާ ރާއްޖޭގެ ދެވަނައަށް އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމު ހޯދާ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަހްނާ ނިޒާރު ވަނީ އެތްލެޓިކްސްގައި ކުޅުދުއްފުށީގެ ނަން ރަން އަކުރުން ފަވާލާފަ އެވެ.

އުމުރުން އެންމެ 10 އަހަރުގައި، 2017 ވަނަ އަހަރު އެތްލެޓިކްސް ކެރިއަރު ފެށި އަހްނާ މިހާރު ވަނީ ރާއްޖޭގެ ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާގެ ފަހުރު ހޯދާފަ އެވެ.

އެންމެ ބާރު ދުވުންތެރިޔާ ސަމްހާ އަހްމަދުގެ އަތުގައި 21 އަހަރުވަންދެން އޮތް 100 މީޓަރުގެ ގައުމީ ރެކޯޑް ކޮމަންވެލްތް ގޭމްސްގައި މުގުރާލި މިވަގުތު އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަންއަށް ވެސް މިފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަހްނާ ބަލިކުރަން ވެސް ފަސޭހަކަމަކަށް ނުވި އެވެ.

ހިމްނާގެ ފަހަތުގައި 100 މީޓަރުގައި އަހްނާ ވިއްދާލާފައި އޮތްއިރު އަހްނާ ވަނީ އެމުބާރާތުގެ 100 މީޓަރު ފައިނަލުން ދެވަނަ ހޯދާ ރާއްޖޭގެ ދެވަނައަށް ޖެހިލާފަ އެވެ. އާންމުކޮށް 100 މީޓަރުގެ އިތުރުން 200 މީޓަރު އަދި ލޯންގް ޖަމްޕުގައި ފާހަގަކޮށްލެވޭ އަހްނާ އަކީ މިވަގުތު ކުޅުދުއްފުށީގައި ވެސް ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ އެވެ.

އަހްނާގެ ދައްތަ ނަޝާ ނިޒާރުއަކީ ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ދުވެ ކާމިޔާބީތަކެއް ހޯދި އެތްލީޓެކެވެ. އަހްނާގެ އެތްލެޓިކްސް ކެރިއަރު ފެށިގެން އައީ ވެސް އޭނާގެ ދައްތަ ހިނގި މަގުންނެވެ. ކޭއޯއަށް ދިން އިންޓަވިއުގައި އަހްނާ ބުނިގޮތުގައި އޭނާ ދުވުމަށް ހިތް ޖެހުނީ ވެސް ދައްތައާއެކު މުބާރާތްތަކަށް ގޮސްފަ އެވެ.

"ދައްތައާއެކު މުބާރާތްތަކަށް ގޮސް އަޅުގަނޑު ދެން މުބާރާތެއްގައި ބައިވެރިވެފަ އެމުބާރާތަށް ހޮވިފަ އެލިބުނު ކާމިޔާބަށްފަހު ކުރިއަށްދާން ފެށުނީ" އަހްނާ ބުންޏެވެ. އަހްނާގެ އެތްލެޓިކްސް ކެރިއަރު ހަގީގަތުގައި ފެށި މިކަމުގެ ތެރެއަށް ވަދެވުނީ 2019 ވަނަ އަހަރު ބޭއްވުނު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ހދ އަތޮޅު ތައުލީމީ މަރުކަތު ތަމްސީލުކޮށް އެފަހަރުގެ 100 މީޓަރުގެ އެއްވަނަ ލިބުނު ހިސާބުންނެވެ.

އަހްނާގެ އެތްލެޓިކްސް ކެރިއަރުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް:

އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2022:

  • 100 މީޓަރު ސްޕްރިންޓުން ދެވަނަ - 12.57 ސިކުންތު
  • 200 މީޓަރު ސްޕްރިންޓުން ދެވަނަ - 25.77 ސިކުންތު

30 ވަނަ ގައުމީ ޗެމްޕިއަންޝިޕް 2021:

  • 100 މީޓަރު ސްޕްރިންޓުން 3 ވަނަ - 12.84 ސިކުންތު
  • 200 މީޓަރު ސްޕްރިންޓުން 3 ވަނަ - 26.64 ސިކުންތު
  • ހައި ޖަމްޕުން 3 ވަނަ
  • 4 ގުނަ 100 މީޓަރު ރިލޭއިން 1 ވަނަ

އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް:

  • 100 މީޓަރު ސްޕްރިންޓުން 1 ވަނަ
  • 200 މީޓަރު ސްޕްރިންޓުން 1 ވަނަ
  • 4 ގުނަ 100 މީޓަރު ރިލޭއިން 2 ވަނަ
  • 4 ގުނަ 200 މީޓަރު ރިލޭއިން 1 ވަނަ

ގދ އަތޮޅު އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022:

  • 100 މީޓަރު ސްޕްރިންޓުން 1 ވަނަ
  • 200 މީޓަރު ސްޕްރިންޓުން 1 ވަނަ
  • ލޯންގް ޖަމްޕުން 2 ވަނަ
  • 4 ގުނަ 100 މީޓަރު ރިލޭއިން 2 ވަނަ
  • 4 ގުނަ 200 މީޓަރު ރިލޭއިން 1 ވަނަ

އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2019:

  • 100 މީޓަރު ސްޕްރިންޓުން 1 ވަނަ
  • 80 މީޓަރު ސްޕްރިންޓުން 1 ވަނަ
  • ހައި ޖަމްޕުން 1 ވަނަ

އަހްނާ ފާހަގަކުރި ގޮތުގައި އޭނާގެ އެތްލެޓިކްސް ކެރިއަރުގައި އެންމެ ކުރިއަށްދާން ހިތްވަރު ލިބުނީ އޭނާގެ އާއިލާއާއި ކޯޗު އަލީ ޝަރީފުގެ ފަރާތުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ޝަރީފް ސްޕޯޓްސްއިން ތަމްރީނުވަމުން އަންނަ އަހްނާ ވަނީ އެހާ ޅާ އުމުރެއްގައި ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ފާހަގަކޮށްލެވޭ މޮޅެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ކުޅުދުއްފުށީގައި ޓްރެއިންވެ ދުވުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެއްކަމަށް އަހްނާ ފާހަގަކުރީ ދުވާނެ ރަނގަޅު ފެންވަރުގެ ޓްރެކެއް ރަށުގައި ނެތުމެވެ. ރަށުގައި ސިންތެޓިކް ޓްރެކެއް ގާއިމުވެގެންދިޔުމަކީ އެހެން އެތްލީޓުންނެކޭ އެއްފަދައިން އަހްނާ ވެސް ދެކޭ ހުވަފެނެކެވެ.

އެތްލެޓިކްސް ކެރިއަރުގައި އަހްނާ މިވަގުތު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ބައިނަލްއަގްވާމީ މުބާރާތަކުން ގައުމަށް މެޑަލްއެއް ހޯދައިދިނުމެވެ.

"އެތްލެޓިކްސްގައި ދެކޭ އެންމެ ބޮޑު ހުވަފެނަކީ ގައުމަށް މެޑެލްއެއް ހޯދައިދިނުން، އޮލިމްޕިކްސް ފެންވަރުގެ މުބާރާތްތަކުގެ ބައިވެރިވެ އެހިސާބަށް ދިއުން" އަހްނާ ބުންޏެވެ.

އޮލިމްޕްކްސް ފެންވަރުގެ މުބާރާތެއްގައި ވާދަކޮށް ގައުމަށް މެޑައްޔެއް ހޯދައިދިނުމަކީ އަހްނާގެ އެތްލެޓިކްސް ކެރިއަރުގައި އޭނާ މިވަގުތު ދެކޭ އެންމެ ބޮޑު ހުވަފެނެވެ.

އެންމެފަހުން ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަހްނާ ދެވަނަ ހޯދާ ރާއްޖޭގެ ދެވަނައަށް އެރިއިރު މިއީ މިހާތަނަށް އަހްނާގެ ކެރިއަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާގެ މަގާމު ލިބުމުން އެކަމާ ވާހަކަދައްކަމުން އަހްނާ ބުނީ މިހިސާބަށް އާދެވުމުން އެންމެ ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުންވަނީ ކޯޗު އަލީ ޝަރީފް އަށް ކަމަށެވެ. އަހްނާ ބުނިގޮތުގައި މިހިސާބަށް އާދެވުނީ ކޯޗުގެ މަސައްކަތުންނެވެ. އެހެންކަމުން މިފުރުސަތުގައި ކޯޗަށް އެންމެ ފުރަތަމަ ޝުކުރުއަދާކޮށްލަން ބޭނުންވާ ކަމަށެވެ.

"އަލްހަމްދުލިﷲ. މިހިސާބަށް މިއާދެވުނީ ކޯޗުގެ މަސައްކަތުން. އެހެންވީމާ މިފުރުސަތުގައި ކޯޗަށް އެންމެ ފުރަތަމަ ޝުކުރުއަދާކޮށްލަން ބޭނުމީ. ދެންހަމަ ވަރަށް އުފާވި ދެވަނަ ލިބުނީމަ." އަހްނާ ބުންޏެވެ.

އެތްލެޓިކްސްގައި ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އަހްނާ ދޭ ނަސޭހަތަކީ އަބަދުވެސް ކޯޗު ބުނާގޮތް ހަދައިގެން ކޮންފިޑެންސާއި އެކު ހިތްވަރު އެލުވާނުލާ ކުރީމައި ވާނެކަމަށާއި އެގޮތަށް މަސައްކަތްކުރުމުން މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބުވާނެ ކަމަށެވެ.

ކުޅުދުއްފުއްޓަށް އުފަން އަހްނާގެ އުއްމީދަކީ ގައުމަށާއި ރަށަށް ކުރިއަށްއޮތްތާ ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެތްލީޓަކަށްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355