ކަކުލުގެ އޮޕަރޭޝަނަށްފަހު ރިކަވާވުމަށް ވަގުތު ބޭނުންވާތީ މިފަހަރުގެ ވޯލްޑް ކަޕުން ޕައުލް ޕޮގްބާ ނުފެންނާނެ ކަމަށް އޭނާގެ އޭޖެންޓް ރަފައޭލާ ޕިމެންޓާ ބުނެފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ޔުވެންޓަސް އަށް މިސީޒަނުގައި ބަދަލުވި ޕައުލް ޕޮގްބާ އަދި މިހާތަނަށް ސީރިއޭގެ މެޗަކުން ނުފެންނައިރު ޖުލައި މަހު ކަކުލަށް ދިމާވި އަނިޔާއަށްފަހު އޭނާ ފުރަތަމަ ނިންމީ މުބާރާތަށް ފިޓްވުމަށް ސާރޖަރީ ނުހެދުމަށެވެ.
22 ނޮވެމްބަރުގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސް އޮސްޓްރޭލިއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕުން އެޓީމުގެ ކުޅަދާނަ މިޑްފީލްޑަރު ނުފެންނާނެ އެވެ.
ހޯމަ ދުވަހު ނެރުނު ސްޓޭޓްމަންޓެއްގައި ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕިމެންޓާ ބުނީ ޓޮރީނޯއާއި ޕިޓްސްބާގްގައި އިއްޔެއާއި މިއަދު ކުރިއަށްދިޔަ މެޑިކަލް ރިވިއުއަށްފަހު ހިތާމައާއެކު ބުނެލަން ޖެހެނީ އަދި ސާރޖަރީން ރިކަވާވުމަށް ޕޮގްބާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
މިސަބަބާހުރެ ވޯލްޑްކަޕު ބްރޭކްގެ ކުރިން ޔުވެންޓަސްގެ ސްކޮޑާއި އަދި ގަތަރުގައި ފްރާންސް ސްކޮޑާއެކު ވެސް އޭނާއަށް ބައިވެރިނުވެވޭނެ ކަމަށް ރަފައެލާ ބުންޏެވެ. ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ވެސް ބުނީ މިފަހަރުގެ ވޯލްޑްކަޕުން ޕޮގްބާ ފެނުން ވަރަށް ދުރުކަމަށެވެ.