ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްއަކީ މައްސަލަތަކުން ފުނި ޖެހި ހައްލުނުވާ އެތައް މައްސަލަތަކެއް އަދި މަރާމާތުކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުރި ތަނެކެވެ. ނަމަވެސް މިނިސްޓްރީން މިތަނަށް މާބޮޑު ސަމާލުކަމެއް އެއްވެސް އިރެއްގައިދޭތަނެއް ނުފެނެ އެވެ.
އަދި ޒުވާނުންނާއެކި އުމުރުފުރައިގެ މީހުން ބޭނުންކުރަމުން އަންނަ މި ކުޅިވަރު ބޮޑު އާބާދީއެއް އޮންނަ މި ކުޅުދުއްފުއްޓަށް އެއްވެސް ވަރަކަށް އެކަށޭނަ ތަނެއް ނޫންކަމަށް އެތަން ބޭނުންކުރަމުން އަންނަ ގިނަ މީހުން އަބަދުވެސް ޝަކުވާކުރެ އެވެ.
އެގޮތުން އެ ސްޓޭޑިއަމްގައި މީގެ ފަސްވަރަކަށް އަހަރު ކުރިން އެޅުނު އިންޑޯ ބެޑްމިންޓަން ކޯޓަކީ އެތަން ފުރަތަމަ އެޅި އިރުވެސް އެތައް ބަޔަކު ކަންބޮޑުވުންތައް ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރި ތަނެކެވެ. ނަމަވެސް ކަންބޮޑުވުންތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އެތަން ވަނީ ނިންމާފަ އެވެ. ތަނުގެ ފެންވަރު ދަށްކަމުން އެތަން ހެދީންސުރެން ތަނުގެ އެކި މައްސަލަތައް ހައްލުކުރަމުގައި ސަލާމަތް އަދި ވަނީ ނުވެވިފަ އެވެ.
އެގޮތުން ރަށުގެ ދެ ޖިންސުގެ އެކި އުމުރުފުރައިގެ ޒުވާނުން ބޭނުންކުރާ ތަނަކަށްވެފައި، ރަށު ފެންވަރުގައި އެކި މުބާރާތްތައްވެސް ހިންގޭ ތަނަކަށްވުމުން ތަން މަރާމާތުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިވަނީ ނިންމާފަ އެވެ.
ބެޑްމިންޓަން ކޯޓް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިމިވަނީ ބުދަ އޮތް އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 78 ވަނަ އާންމު ބައްދަލުވުމުގެ ޖަލްސާގަ އެވެ.
ޖަލްސާގެ ބަހުސްއަށް ހުޅުވާލަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީގައި ގިނަ ރައްޔިތުންތަކެއް ބޭނުންކުރަމުންދާ އޮންނަނީ އެންމެ 2 ބެޑްމިންޓަން ކޯޓް ކަމަށާއި މިހާރު ގިނަ އަންހެނުންނާ އަދި ސްކޫލްތަކުގައިވެސް އަދި ބެލެނިވެރިންވެސް އެކި އެކި ބެޑްމިންޓަން މުބާރާތް ރާވާ ހިންގާކަމަށެވެ. މީގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބެޑްމިންޓަން ކުޅޭ މީހުން ގިނަވެއްޖެ ކަމަށެވެ.
ރަށުގައި އަންހެނުނަށް ކުޅިވަރުކުޅުމުގެ ފުރުސަތުތައް މަދުކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ބެޑްމިންޓަން ކޯޓަކީވެސް އަންހެނުންނަށް ހާއްސަކޮށް ހެދިފައިވާ ތަނެއް ނޫންކަމުގައިވިޔަސް ގިނަ އަންހެނުން އެތަނުގެ ބޭނުން ރަނގަޅު ބޭނުމެއް ހިފޭތަނެއްކަމުގައި އެތަންވާކަމަށް އުންމީދުކުރާ ކަމަށެވެ.
އަދި ގިނަ ޒުވާނުންނަށް ކުޅުދުއްފުށީގައި ބެޑްމިންޓަން ކުޅުމުގެ ޝައުގުވެރިކަން އޮތްކަން ފާހަގަ ކުރެވޭކަމަށެވެ. ނަމަވެސް ރަނގަޅަށް ނުކުޅެވޭވަރަށް އެ ކޯޓުގެ މެޓް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައިކަމަށް މޭޔަރުވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެން ކަމުން މި ވަގުތު ކޮންމެހެން ކުރަން މުހިންމު ކަމެއްގެ ގޮތުގައި މި މަސައްކަތް ފާހަގަވާކަމަށެވެ.
އެގޮތުން މި ޖަލްސާގައި ބެޑްމިންޓަން ކޯޓް މަރާމާތުކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށީގައި ތަފާތު ޖަމިއްޔާތަކުން ބެޑްމިންޓަނުގެ ތަފާތު މުބާރާތްތައް އަންނަނީ ބާއްވަމުން ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީގައި މިއޮތް އާބާދީއަށް ކޭޓާކުރެވޭވަރުގެ ބެޑްމިންޓަން ކޯޓެއްނޫން ކަމަށެވެ.
އެހެންކަމުން ކުޅުދުއްފުށީގައި ބެޑްމިންޓަން ކުޅެވޭނެ އިތުރު ކޯޓުތަކެއް ބޭނުންވާކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ. މީގެ އިތުރުން ސްޓޭޑިއަމްގެ ޓާފްދަނޑުގައި ޓާފް ބަދަލުކުރުމުގެ ޕްރޮޖެކްޓެއްވެސް ކައުންސިލްގެ ހަރަދުގައި ހިންގާކަން ފާހަކޮށް އޭނާ ވިދާޅުވީ ޔޫތް މިނިސްޓްރީގެ ޕްރޮޖެކްޓްތައް ކުޅުދުއްފުށީގައި ލަސްވަމުންދާކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިދިޔަ މަހު ޔޫތް މިނިސްޓަރާއެކު ކުރެވުނު ބައްދަލުވުމުގައިވެސް ކުޅުދުއްފުށީގެ ގިނަ މައްސަލަތަކެއްގެ ވާހަކަ ދެކެވިފައިވާނެ ކަމަށާއި އެގޮތުން ކުޅުދުއްފުށީގައި އަޅަން ބުނި ސިންތެޓިކް ޓްރެކް ލަސްވުމުން ކުޅުދުއްފުށީގެ އެތްލީޓުނަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކާއި ލިބެންޖެހޭ ވަސީލަތްތައް ނުލިބޭ ވާހަކައުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްގެ ވާހަކަ ދެކެވުނު ކަމަށެވެ.
ނަމަވެސް ކުޅުދުއްފުށީގައި ކުރިއަށް ރޭވިފައިހުރި މަސައްކަތްތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާކަމަށެވެ.
ބަހުސްގެ މަރުހަލާގައި ކައުންސިލަރު އަހުމަދު އަބްދުﷲ ވިދާޅުވީ މިނިސްޓަރާ ކުރެވުނު ބައްދަލުވުމުގައި މިނިސްޓްރީގެ ވިސްނުން ބޮޑަށް ހުރީ މިހާރު އޮތް ބެޑްމިންޓަން ކޯޓް މަރާމާތުކުރުމުގެ ބަދަލުގައި 3 ކޯޓު ހިމެނޭވަރުގެ އިތުރު ބެޑްމިންޓަން އެރީނާއެއް އެޅުކަމަށެވެ.
އެހެން ކަމުން ކޯޓުގެ މަރާމާތަށް މިހާރުވެސް މިނިސްޓްރީތެރެއިން ވަރަށް ގިނަ މަސައްކަތްތަކެއް ހިންގިއްޖެ ކަމަށާއި މިހާރު އެހެން އިތުރު ގޮތަކުން އެތަނަށް އަލިމަގެއް ފެންނާކަށް ނެތް ކަމަށެވެ. އެހެން ކަމުން ކައުންސިލުގެ ބަޖެޓުން މި މަސައްކަތް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑުވެފައިވާކަމަށެވެ.
މެމްބަރު މުހައްމަދު ދާއޫދުގެ މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ކުޅުދުއްފުށީ ސިޓީގައި މާސްޓަރ ޕްލޭން ހެދުމަށް މިއަހަރު ކައުންސިލުން ކޮށްފައިވާ ބަޖެޓުން އެ މަރާމާތު ކުރުމަށް ފާސްވެފަ އެވެ.