twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި

ނަބީލާ އިސްމާޢީލް
Nov 24, 2022

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު، އާއިޝަތު އަލީ، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން އިބްރާހީމް ހަސަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، މުސްތަފާ ލުތުފީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ނިންމި 15 އެޕްރެންޓިސްއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022ގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރާއްޖެއަށް ތައާރަފުކޮށް، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް އެމަނިކުފާނު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ގައުމުގެ ހަރުދަނާކަމާއި ކުރިއެރުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވެސް ވަނީ ހަފުލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ވަނީ މި ޕްރޮގްރާމްގެ ކުރީގެ ދަސްވެނިން ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު، ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށާއި ޒުވާނުންނަށް ހިތްވަރު ދިނުމަށް ދިރާގުގެ ސީއެސްއާރުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

އެ ޕްރޮގްރާމުގެ ތެރެއިން، ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެ ޕްރޮގްރާމްގެ ބައިވެރިންނަށް ލިބެއެވެ. އެ މީހުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355