twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަލާލުއްދީން ސްކޫލްގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އިބާ އަދި އައްފާނު

އަބްދުލް ވާހިދު ޙަސަން
Nov 25, 2022

2020-2021 ވަނަ ދިރާސީ އަހަރު، ޖަލާލުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރުންގެ މަގާމަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ޖަލާލުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރެވެ.

އެގޮތުން މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީއިން އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނީ، އާމިނަތު އިބާ އާދަމަށެވެ. އިބާ ވަނީ ގައުމީ ގަދަ 10 ގައި ހިމެނި ރައީސް ދެއްވާ ސްކޮލަރޝިޕްވެސް ހާސިލުކޮށްފަ އެވެ. އެއީ އެ ސްކޮލަރޝިޕް ލިބުނީ 6 ދަރިވަރުންނެވެ. އޭގެ ތެރެއިން، މާލެއިން ބޭރު ސްކޫލެއްގެ ދަރިވަރަކަށް ހަމައެކަނި ހިމެނުނީވެސް އިބާ އެވެ.

އިބާވަނީ ރައީސް ދެއްވާ ސްކޮލަރޝިޕްގެ އިތުރުން ފިޒިކްސް އަދި ބައޮލޮޖީން މުޅި ދުނިޔެއިން 4 ވަނަ ހޯދާ އެޑެކްްސެލްއިންނާއި އޭލެވެލްއިން ރާއްޖެއިން 1 ވަނަ ހޯދާފަ އެވެ. އިބާ މިވަގުތު ރާއްޖޭގައި ނެތުމުގެ ސަބަބުން ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެވުނެވެ. އޭނާގެ ބަދަލުގައި އެ ރަސްމިއްޔާތުގައި ބައިވެރިވީ އޭނާގެ މަންމަ އާއި ބައްޕަ އެވެ.

ސަނާވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ހަސަން އައްފާނު އަލީ ވަނީ ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި ހިމެނިފަ އެވެ.

މި ދެ ދަރިވަރުންގެ އިތުރުންވެސް އެ ސްކޫލުން ތައުލީމް ހާސިލުކޮށް ރަންވަނަތައް ހޯދި ދަރިވަރުންނަށް ރޭގެ ޖަލްސާގައި ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އެ ގޮތުން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތަކާއި އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތަކުން ގައުމީ ފެންވަރުގެ އަދި ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދި ދަރިވަރުންވެސް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ވެރިންނާއި ކުޅުދުއްފުށީ މޭޔަރު އަދި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ބެލެނިވެރިންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355