twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައީސްގެ ސްކޮލާޝިޕަށް އިބާ ކުރި ގަދަ ހިތްވަރު، ނަމޫނާއެއް

ނަބީލާ އިސްމާޢީލް
Jul 31, 2022
1

"އޭލެވެލް އަށް ކިޔަވަން ފެށީ ސްކޮލަރޝިޕަށް ޓާގެޓް ކޮށްގެން. ބައްޕަގެވެސް އެދުމެއް އެއީ. އަދި ބޮޑުވެގެން ޑޮކްޓަރަކަށް ވުމުގެ އުންމީދު ހިތުގައި އޮތުމުން، އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީވެސް ސްކޮލަރޝިޕް ކާމިޔާބު ކުރުން."

މިއީ މަތީ ސާނަވީ އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބުނު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރު އާމިނަތު އިބާ އާދަމް، ކާމިޔާބަށް ވާސިލްވުމަށް މަސައްކަތް ފެށިގެން އައިގޮތެވެ. އިބާގެ މިކާމިޔާބީ އަކީ ޖަލާލުއްދީން ސްކޫލާ، މުޅި ކުޅުދުއްފުއްޓަށްވެސް ރީތިނަން ލިބިގެންދިޔަ ފަހުރުވެރި ކާމިޔާބެކެވެ.

އެއީ މަތީ ސާނަވީ އިމްތިހާނުން 5 މާއްދާއިން އޭ ސްޓާ ހޯދައި، ރައީސް ދެއްވާ ސްކޮލަރޝިޕް ލިބުނު 6 ދަރިވަރުންގެ ތެރެއިން، މާލެއިން ބޭރު ސްކޫލެއްގެ ދަރިވަރަކަށް ހަމައެކަނި އިބާ ހިމެނިގެން ދިޔަ ރެކޯޑު ކާމިޔާބީއަކަށް ވެގެންދިޔަ ދިޔުމެވެ.

ހއ. އިހަވަންދޫއަށް ނިސްބަތްވާ އިބާ ސާނަވީ ތައުލީމް ފުރިހަމަ ކުރީވެސް ކުޅުދުއްފުށިންނެވެ. ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުން ސާނަވީ ތައުލީމް ނިންމިއިރު، އޯލެވެލްގައި 5 މާއްދާއިން އޭ ސްޓާ އަދި 3 މާއްދާއިން އޭ ހޯދިއެވެ. ކިޔެވުމުގެ އިތުރުން ޤުރުއާން މުބާރާތް ތަކުގައިވެސް ވާދަކޮށް ފާހަގަކޮށްލެވޭ ރަނގަޅު ވަނަތައް ހާސިލްކޮށްފައިވެއެވެ.

ކިޔެވުމުގައި އެހީތެރިކަން އެންމެ ބޮޑަށް ލިބުނު އެއްފަރާތަކީ އިބާ ފާހަގަކުރި ގޮތުގައި ބައްޕައެވެ. ޓީޗަރަކަށްވެހުރެ އިބާގެ ތަޢުލީމުގައި ބައްޕަގެ އިލްމީ ތަޖުރިބާގެ އަލީގައި ވަރަށްގިނަ ކަންކަން އޮޅުންފިލުވައިދީ ކުރިޔަށް ދިޔުމަށް އެއްބާރުލުން ލިބިގެންދިޔައެވެ. ބައެއް ކުދިންނާ ހިލާފަށް އިބާ ކިޔެވުމުގައި އެއްގޮތަކަށްވެސް ޓިއުޝަނެއް ނުނަގައެވެ. ނޭނގޭ އެއްޗެއް އޮތިއްޔާ، ޓީޗަރާ ސުވާލުކޮށްގެން ސާފުކުރުމަކީ އިބާ ގެންގުޅުނު މެތަޑެވެ. ދުރާލާ އިމްތިހާންތަކަށް ތައްޔާރުވެއެވެ. ޓެސްޓުތައް ކައިރިވީ ވަރަކަށް އެކަމަށް ސަމާލުކަންދީ ކިޔެވުމުގެ ވަގުތު އިތުރު ކުރެއެވެ.

"އޭލެވެލްގައި ފުރަތަމަ ކިޔަވަން ފެށިއިރު ހިތަށްއެރީ ނުވާނޭ. ޓޮޕް 10 އަށްވެސް ނާރާނޭ. އޯލެވެލް އަށްވުރެ މާބޮޑަށް އުނދަގޫ އޭލެވެލް. ކުރަންޖެހޭ މަސައްކަތްވެސް ގިނަ." އިބާ ކިޔާދިނެވެ.

ނަމަވެސް ހިތްވަރާ ބުރަ މަސައްކަތާއެކު، ހިތުގައި ކަނޑައެޅި ބޮޑު ލަނޑުދަނޑި ހާސިލް ކުރުމަށް 2 މަސް ދުވަސް ކުރިން އޭލެވެލް އިމްތިހާނަށް ތައްޔާރުވާން އިބާ މަސައްކަތް ފެށި އެވެ. ނަތީޖާ އައީ އޭލެވެލް އަށް ކިޔަވަން ފަށަމުން އިބާ ކަނޑައެޅި ޓާގެޓާ އެއްގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.

ރަނގަޅު ނަތީޖާއެއް ހާސިލްކުރަން އެދޭ ދަރިވަރުންނަށް އިބާގެ ނަސޭހަތަކީ، އެއްގޮތަކަށްވެސް ހިތްވަރު ދޫކޮށްނުލާށެވެ. ތަފާތު ގޮތްގޮތަށް ފިލާވަޅުތައް ދަސްކުރުމަށް ވިސްނާށެވެ. އަދި އޭގެން ތިމާއަށް އެންމެ ފަސޭހަ ގޮތެއް އިހްތިޔާރުކޮށް، އިމްތިހާނަށް ކުރިއާލައި ތައްޔާރު ވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355