twitterviber whatsapp telegramfacebookyoutube instagram
18th May 2024

މިއަހަރަށް ކުޅުދުއްފުއްޓަށް ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނުފެށި، ކަންބޮޑުވުން!

އަބްދުލް ވާހިދު ޙަސަން
Nov 29, 2022
3

އުމުރާނީ ތަރައްގީގެ ގޮތުގައި 2022 ވަނަ އަހަރު ކުޅުދުއްފުށީގައި ހިންގުމަށް ބަޖެޓް ކުރި ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި އަހަރު ނިމުމާ ގާތްވެއްޖެ އެވެ.

ކުޅުދުއްފުށީގައި ހިންގުމަށް ބަޖެޓްގައި ގިނަ މަޝްރޫއުތަކެއް ހިމެނިފައިވީނަމަވެސް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިރަށުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށްނުދާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް މިއަހަރު އަލަށް ފަށަން ހިމެނި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށްނުދާކަން ފާހަގަކުރެވެ އެވެ.

ކުޅުދުއްފުށީގައި ހިންގުމަށް 2022 ވަނަ އަހަރު އަލަށް ބަޖެޓްގައި ހިމެނި މަޝްރޫއުތައް:

  • ސިންތެޓިކް ޓްރެކް ތަރައްގީކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
  • އިންޑޯ ކޮމްޕްލެކްސް ގާއިމުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
  • ހައި ސްޕީޑް ފެރީ ނެޓްވޯކް ގާއިމުކުރުން. ( މަސައްކަތް ނިމިފަ)
  • ޕޮލިސް ސްޓޭޝަން ގާއިމުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
  • އެއާޕޯޓް ސަރަހައްދު ގޮނޑުދޮށް ހިމާޔާތްކުރުން. (ކުރިއަކަށް ނުދޭ)
  • ފިޒިއޮތެރަޕީ އިމާރާތް ބޮޑުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
  • ޓާޝިއަރީ ހޮސްޕިޓަލުގެ އާ އިމާރާތް. (އަމަލީ މަސައްކަތް ނުފެށޭ)
  • ސިޓީ ކައުންސިލް އިދާރާގެ އާ އިމާރާތް. (އަމަލީ މަސައްކަތް ނުފެށޭ)
  • ޖަލާލުއްދީން ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން. (އަމަލީ މަސައްކަތް ނުފެށޭ)

2022 ވަނަ އަހަރު ބަޖެޓްގައި ކުޅުދުއްފުށީގައި އަލަށް ހިންގުމަށް 9 މަޝްރޫއެއް ބަޖެޓްކުރިއިރު އެތަނުން ނިމިފައިވަނީ ހައި ސްޕީޑް ފެރީ ނިޒާމު އެކަންޏެވެ. އެހެން އެއްވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާތަންވެސް ނުފެނެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެމްޓީސީސީއާ ހަވާލުކޮށްގެން އެއާޕޯޓް ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައިވާ މަޝްރޫއު އާއި ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްކަމަށްވާ ޓާޝިއަރީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއެވެ.

އެމްޓިސީސީން ފަތުއަޑުކިޔާފައި އެހެން ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގަމުންދާއިރު އެއާޕޯޓް ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާކަން ފާހަގަކުރެވެ އެވެ. އެއާޕޯޓްގެ ރަންވޭގައި ލައިޓް ނުޖެހިގެން ލަސްވަނީވެސް ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ކުރިއަށްނުދާތީ އެވެ.

އެވޯޑްކުރެވިފައިވާ މަޝްރޫއުތައް

2022 ވަނަ އަހަރު ކުޅުދުއްފުށީގެ އުމުރާނީ ތަރައްގީގެ ގޮތުގައި ބަޖެޓް ފޮތުގައި ޖަހާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެވޯޑްކޮށްފައިވާ ޕްރޮޖެކްޓްތަކަށް ބަލާއިރު ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓް ހިމެނެ އެވެ.

މި ތިން މަޝްރޫއުއަކީވެސް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. މިތަނުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތް ދަނީ ވަރަށް ލަހުންނެވެ. ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓް ވީ ހިސާބެއްވެސް ނޭނގެ އެވެ.

ޓެންޑަރިންގ ހުރި މަޝްރޫއުތައް

  • އަފީފުއްދީން ސްކޫލުގެ އާ ކުލާސް ރޫމް އިމާރާތް (އަމަލީ މަސައްކަތް ނުފެށޭ)
  • ވޮލީކޯޓް ތަރައްގީކުރުން ( އަމަލީ މަސައްކަތް ފެށިފައި. ވަރަށް ލަހުން ކުރިއަށްދަނީ)
  • ޒޯން އެކެއްގެ ސަރަހައްދީ ކުނިމެނޭޖްކުރުން ( އަމަލީ މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނޭ)

ޓެންޑަރިންގ ގައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި އީއާރާއި 10 ކޮންސަލްޓޭޝަން ރޫމް ހެދުން ހިމެނިވީނަމަވެސް އީއާރުގެ މަސައްކަތް ނުފެށި ލަސްވަނީ އާ އޯޕީޑީގެ މަސައްކަތް ނުނިމޭތީ އެވެ. އެކަމަކު ކޮންސަލްޓޭޝަން ރޫމު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ޕްރީ ޓެންޑަރިންގ ގައި ހުރި މަޝްރޫއުތައް

- ރަސްމީ ފާލަން ހެދުން. (އަމަލީ މަސައްކަތް ނުފެށޭ)
- ދަމަނަވެށި ގާއިމުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
- އޮފީސް އިމާރާތެއް ގާއިމުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
- ރީޖަނަލް އޮޕަރޭޝަން ސެންޓަރު ގާއިމުކުރުން. (އަމަލީ މަސައްކަތް ނުފެށޭ)
- ހދ އޭއީސީ އޮފީސް އިމާރާތް ގާއިމުކުރުން. (އަމަލީ މަސައްކަތް ފެށިފަ. ކުރިއަށްދަނީ ވަރަށް ލަހުން)
- ޖަލާލުއްދީން ސްކޫލުގެ ކުލާސް ރޫމް އިމާރާތް. (އަމަލީ މަސައްކަތް ނުފެށޭ)
- ޓިވެޓް ސެންޓަރު ގާއިމުކުރުން.( އަމަލީ މަސައްކަތް ނުފެށޭ)

މިއަހަރުގެ ބަޖެޓްގައި ހިމެނި ގިނަ މަޝްއޫތަކުގެ އަމަލީ މަސައްކަތް ކުރިއަށްނުދާއިރު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ކުރިއަށްދާ މަދު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ސިއްހީ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތާއި ކުރިން ނުހެދި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެކަންޏެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްއޫރުތައް ހިންގާއިރު ކުޅުދުއްފުށީގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި އެވެ. ނުވަތަ ނުފެށި އެވެ.

މަޝްރޫއުތައް ނުފެށި ލަސްވާތީ އާއި ފެށިފައިހުރި މަޝްރޫއުތައް ކުރިއަށްނުދާތީ އެކަމުގެ ކަންބޮޑުވުން ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްއަށް އެކި ފަހަރު މަތިން ސިޓީ ކައުންސިލުން ވަނީ ހިއްސާކުރައްވާފަ އެވެ. އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެއިން އެއްވެސް ކަމަށް ކުރިއެރުމެއް އައިސްނުވާކަމީ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355