twitterviber whatsapp telegramfacebookyoutube instagram
21st November 2024

ރައިޑަރަކުން މޮޅު އިންޖިނިއަރަކަށް، އަސްލަމް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ހުވަފެންތައް

މުޙައްމަދު އަހުމަދު
Dec 4, 2022

ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުޅިވަރެއްގެ ގޮތުގައި ކުރިއަރަމުން އަންނައިރު މޮޓޯ ސްޕޯޓްސް ކުރިއަރާ ދިއުމުގައި ގިނަ ބައެއްގެ ޝާމިލުވުން ހިމެނޭނެ ކަން ޔަގީނެވެ. އަދި ސައިކަލެއްގައި ރޭހެއް ކާމިޔާބުކުރުމުން ރައިޑަރެއްގެ ދުއްވުމުގެ ހުނަރު އެނގިގެންދާ ފަދައިން ސައިކަލެއް މައިދާނަށް ނެރެވޭނީ އޭގެ ފަހަތުގައި ގިނަ ބައެއް ތިބެގެންނެވެ.

މިފަހަރުގެ ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލުގައި ބަތާނާ ރޭސިންގ ޓީމުގެ ދެ ސައިކަލެއް ވަނީ ވާދަކުރި އިވެންޓުން ކިންގްކަން ހޯދާފަ އެވެ. އަދި ޑްރެގް ކިންގްކަން ވެސް ހާސިލްކޮށްފަ އެވެ. މި ސައިކަލުތައް މިހާހިސާބަށް އަންނާނީ ގިނަ ބައެއްގެ މަސައްކަތުންނެވެ.

ނަމަވެސް މިފަހަރު ފާހަގަކޮށްލާނީ މިސައިކަލުތަކުގެ ފަހަތުގައިވީ ކުޅުދުއްފުއްޓަށް އުފަން ކުޅަދާނަ އިންޖިނިއަރު އަސްލަމް މުހައްމަދު، ހިތިފަރު ނުވަތަ މީހުންގެ ތެރޭގައި މަޝްހޫރު ލަމްބޯ އެވެ. މިފަހަރު ބަތާނާ ރޭސިންގ ޓީމުން ނެރުނު ނަތީޖާތަކަކީ 30 އަހަރުގެ ހުނަރުވެރި އިންޖިނިއަރު ލަމްބޯގެ ވަރަށް ބޮޑު މަސައްކަތަކާއެކު ނެރުނު ނަތީޖާތަކެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ރައިޑަރެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ ލަމްބޯ އަކީ މިހާރު ކުޅުދުއްފުށީގައި ހުރި ސައިކަލު އަދި ރޭސް ކާރުތައް ހެދުމާއި ރީތިކޮށްގެން މައިދާނަށް ނެރުމުގައި އެންމެ މޮޅު އެކަކުކަން ޔަގީނެވެ.

ވެމްކޯ ކުޅުދުއްފުށީ ބްރާންޗްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަސްލަމަކީ އޭނާގެ ގޭގައި އަމިއްލަ ގަރާޖެއް ވެސް ހިންގަމުން އަންނަ ފަރާތެކެވެ. އާއިލާގެ ފަރާތުން މާލޭގައި ތިބޭ ބޭބެމެން މެދުވެރިކޮށް މޮޓޯ ސްޕޯޓްސްގެ ތެރެއަށް ލަމްބޯ ތައާރަފުވެގެން އައިސް މިކަމުގެ ތެރެއަށް އޭނާ އެއްކޮށް ދިޔައިރު މިކުޅިވަރަށް އޭނާގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް ދެވުނެވެ.

ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ރޭސްތަކަކުން ރައިޑަރެއްގެ ގޮތުގައި ފެނިގެންދިޔަ ލަމްބޯ އިންޖިނިއަރަކަށް ބަދަލުވީ ދެކަންތައް އެއްފަހަރާ ކުރަން އުދަނގޫވުމުންނާއި އެހެން ރައިޑަރުންނާއި ކުރިއަށް އޮތް ޖީލު މިކަމުގެ ތެރެއަށް ވައްދާ ކުރިއެރުވުމުގެ މަގްސަދުގަ އެވެ.

އަދިވެސް ރައިޑަރެއްގެ ގޮތުގައި ރޭހަށް އެރުމަށް ލަމްބޯގެ ހިތުގައި އޮވެ އެވެ. ނަމަވެސް އެދުވަސް އަދި ފެންނާނެކަމުގެ ޔަގީންކަން ހުދު އޭނާއަށް ވެސް ނެތެވެ. އެންމެ ކުޑައިރުއްސުރެ ސައިކަލު ހެދުމާއި އިންޖިނިއަރިން ބަޔަަށް ބޮޑު ޝައުގެއް ލަމްބޯގެ ހިތުގައި އޮވެ އެވެ. އަދި ސްކޫލް ދައުރުން ފެށިގެން އެކަމުގެ ތެރޭގައި ލަމްބޯ އަންނަނީ އުޅެމުންނެވެ.

ލަމްބޯގެ އިންޖިނިއަރިން ކެރިއަރުގައި ގިނަ ބައެއްގެ ޝާމިލުވުން ހިމެނޭއިރު މިދާއިރާގައި އޭނާ މިހާހިސާބަށް އާދެވުނުއިރު ގިނަ ބަޔަކު އޭނާއަށް މިކަމުގައި ނަމޫނާއަކަށް ވެސްވި އެވެ.

މޮޓޯ ސްޕޯޓްސްގައި އިންޖިނިއަރެއްގެ ގޮތުން ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ލަމްބޯ ފާހަގަކުރަނީ ބޭރުން އެއްޗެހި ގެންނަން ޖެހޭއިރު ބޭނުންޖެހޭ ވަގުތުގައި އެ ބޭނުންވާ ސްޕެއާ ނުލިބުމާއި މެޝިނަރީސް ކަންކަން ކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން މޮޓޯ ސްޕޯޓްސް ދާއިރާގައި ހަރާކާތްތެރިވަމުން ލަމްބޯ އަންނައިރު އޭނާ އެންމެ ކުރާހިތުން ކުރާ މަސައްކަތްތަކަކީ ޖުޕިޓާ 135 ސީސީގެ ސައިކަލުތަކުގެ މަސައްކަތެވެ. އަދި 150 ސީސީ ވެސްމެ އެވެ.

ދާއިރާގައި 12 އަހަރު ދުވަސް ވެގެންދާއިރު ސައިކަލާއި ކާރު ހެދުމުގެ ހުރިހާ މަސައްކަތެއް ވެސް ދަސްކޮށް އެކަން ލަމްބޯ ކުރެ އެވެ. ސައިކަލާއި ކާރު ހެދުމުން ފެށިގެން ގޮސް ދަވާދުލުމާއި ހަމައަށް ޝައުގާ އެއްކޮށް ލަމްބޯ އެކަން ކުރަމުން އަންނައިރު އޭނާގެ އެންމެ ބޮޑު ޝައުގެއް ހުންނަނީ ސައިކަލު ޑިޒައިން ކުރުމެވެ. ދަވާދުލުން ނުވަތަ ޕެއިންޓްކޮށް ސައިކަލުގެ ރީތިކަން ދައްކާލުމަކީ ލަމްބޯގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމަށް އޭނާ ބުނެ އެވެ.

އަސްލަމުގެ އިންޖިނިއަރިން ކެރިއަރުގައި އޭނާ ވެސް ގިނަ އުއްމީދުތަކަކާ ހުވަފެންތަކެއް ދެކޭނެ އެވެ. ވެލްޑިން ކުރުމަށްފަހު ސައިކަލު އަމިއްލަ އެއްޗަކަށް ހެދުން ނުވަތަ ސްޕެއާއެއް ކަހަލަ އެއްޗެއް އަމިއްލަ މަސައްކަތުން އުފެއްދުން އަދި ހަލާކުވާ ތަނެއް އަމިއްލަ ބައްދާލުން ކަހަލަ ބޮޑު ކަމެއް ހާސިލްކުރުމަކީ އޭނާ މިދާއިރާގައި ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެކެވެ.

ބޭރުން އިމްޕޯޓް ކޮށްގެން އެއްޗެހި ގެނައުމުގެ ބަދަލުގައި އަމިއްލަ އަތުން ސައިކަލެއްގެ ބައެއް އުފެއްދުމަކީ އޭނާ ވެސް އަބަދުވެސް ހާސިލްކުރަން ބޭނުންވާ ބޮޑު އުއްމީދެކެވެ.

އިންޖިނިއަރިންގެ ދާއިރާގައި ރޭސް ސައިކަލު ނޫނަސް އާންމުގޮތެއްގައި ދުއްވާ ސައިކަލުތައް ވެސް އަސްލަމް ހަދާ އުޅެ އެވެ. އަދި އެގޮތަށް ސައިކަލެއް ގެންގުޅޭއިރު އަސްލަމްގެ އެންމެ ބޮޑު ނަސޭހަތަކީ ސައިކަލެއް ގަތުމަށްފަހު ވެސް އެންމެ ފުރަތަމަ ކަމަކަށް ސައިކަލު އެއްކޮށް ސާވިސްކުރުމެވެ.

ކުޅުދުއްފުށީގެ މަޝްހޫރު ރޭސިންގ ޓީމު ބަތާނާ ރޭސިންގ ވެސް ހިންގަމުން އަންނަ ލަމްބޯ ބުނާ ގޮތުގައި މޮޓޯ ސްޕޯޓްސް ކުޅިވަރެއްގެ ގޮތުގައި ކުރިއަށް ގެންދަން އަދިވެސް އަދަދު ނުކުރެވޭހާ ގިނަ ގޮންޖެހުންތައް ރާއްޖޭގައި އެބަހުއްޓެވެ.

ޕްރެކްޓިސް ކުރާނެ ރަނގަޅު އޭރިއާއެއް ނެތުމާއި ދާއިމީ ގޮތެއްގައި ރަށުގައި ތިބެގެން މިކަން ކުރެވޭނެ ގޮތެއް ނެތުމެވެ.

މިފަހަރު ބޭއްވި ކުޅުދުއްފުށި އެޑިޝަންގައި އަސްލަމުގެ 3 ސައިކަލެއް ފެނުނުއިރު އޭގެ ތެރެއިން ވަނަ ލިބުނު ދެސައިކަލު އޭނާ ވަނީ ގްރޭންޑް ފައިނަލުގައި ބައިވެރިކޮށް ރަންވަނަ ހާސިލްކޮށްފަ އެވެ.

ކުޅުދުއްފުށީގައި ބޭއްވި ޔޫތް ޑޭ އިވެންޓުން ފެށިގެން ލަމްބޯ އައީ މިސައިކަލުތައް ހަދާ އެކަމަށް ތައްޔާރުވަމުންނެވެ. އޭނާގެ އަމާޒަކަށްވީ ފެންވަރުގެ މޮޅެތި ސައިކަލުތަކެއް މައިދާނަށް ނެރެ ވަނަ ހޯދާ ނަތީޖާ ނެރުމެވެ. މިފަހަރުގެ ގްރޭންޑް ފައިނަލުގައި އަސްލަމުގެ ދެ ސައިކަލަށް ވަނަ ލިބުމުން އޭނާ ބުނެފައިވަނީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ ވަރަށް އުއްމީދުކުރި ކާމިޔާބީއެއް ކަމަށެވެ. އަދި މިކަން ހާސިލްވުމުން ވަރަށް އުފާކުރާ ކަމަށެވެ.

އަސްލަމުގެ ކެރިއަރުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުއިރު އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރަނީ އޭނާގެ އާއިލާއާއި ރައްޓެހިންނަށެވެ. އަދި ބަތާނާ ރޭސިންގ ޓީމުގެ ހުރިހާ ފަރާތްތަކަށެވެ. އަދި ވަކިން ހާއްސަކޮށް ލަމްބޯ ވަނީ އޭނާއާއެކު ބަތާނާ ރޭސިންގ ޓީމުގައި މަސައްކަތްކުރާ ހުނަރުވެރި އިންޖިނިއަރު އީމާންއަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"ދާއިމީ ގޮތެއްގައި ޓްރެކެއް އެޅިފަ މިކަން ކުރެވޭނެ ގޮތެއް. އެއީ އަހަރެމެންގެ ކުދި މީހުން (ކުރިއަށް އޮތް ޖީލު) ވެސް އަދި އަންނާނެ މިކަން ކުރަން. އެމީހުންނަށް މިކަންކުރެވޭނެ ގޮތެއް ފަހިވެގެންދާން ބޭނުމީ. ޕްރެކްޓިސްއޭ ބުނަނީ ދުވާލު ޕްރެކްޓިސް ކުރެވޭނެ ގޮތެއް. ވަކިން މަގެއް ހަދައިގެން. ހުޅުމާލޭގައި މީހުން އުޅޭ ސަރަހައްދުގައި ވެސް ޓްރެކެއް ނޫނަސް މަގެއް އިނދޭ، އޭރުން މީހުންނަށް މީގައި ސަޕޯޓު އިތުރުވެގެންދާނެ. މީހުން މިކަމުގައި އުދަނގޫ ވާތީ މިކަން ބަލައިގަންނަނީ ކުޅިވަރެއްގެ ގޮތެއްގައެއް ނޫން. އެހެންވުމުން މިކަމުގައި މީހުންނަށް އުދަނގޫ ނުވާ ގޮތަކަށް މަގެއްގަ ކުރަންޏާ ސަޕޯޓު އިތުރުވާނެ."

މޮޓޯ ސްޕޯޓްސްގައި އަސްލަމް އެންމެ ދެކެން ބޭނުންވަނީ ދާއިމީ ގޮތެއްގައި ޓްރެކެއް އެޅި މިކަން ކުރެވޭނެ މަގު ފަހިވެގެން ދިޔުމެވެ. ދުވާލު ގަޑީގައި ވެސް ރޭސް ޖެހި މިކުޅިވަރު ފަސޭހަކަމާއެކު ކުރެވިގެންދިޔުމަކީ އޭނާގެ އަދި މިދާއިރާގެ ގިނަ ބައެއްގެ ހުވަފެނެއްކަން ލަމްބޯ ފާހަގަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355