ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ނަމުގައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ. މިއަދު ހަވީރު ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސް އާއި ކުލަބް ކޮރަލްސް އެވެ.
މިއަދުން ފެށިގެން މި މަހުގެ 19 އަށް ކުރިއަށްދާ މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ އިނާމެއް އަދި ރަނަރއަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ހުޅުވާލި މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ 5 ޓީމަކުންނެވެ.
މާދަމާ ބައްދަލުކުރާ މި މުބާރާތުގެ 2 ވަނަ މެޗުގައި ކުޅޭނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތް ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރަން ހަމަޖެހިފަވާއިރު މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޓީމުތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)، ކުލަބް ކޮރަލް، ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސް އެވެ.
މި މުބާރާތް ކުރިއަށް އޮތްތަނުގައި އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން އަންނަ އަހަރު ބާއްވާ އެ މުބާރާތުގައި އެހެން ރަށްރަށުގެ ޓީމުތައް ބައިވެރިކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވަނީ ވިދާޅުވެފަ އެވެ.
މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިޔަށްދާނެ، ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅުދުއްފުށިގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތަތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އތުރުކޮށް، ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި، ރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަކަށްވެފައި، ކުޅުދުއްފުއްޓަކީ ގައުމީ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުމާއި ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުން އަދި ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން ހިމެނެ އެވެ.
މިއީ މިގޮތަށް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ ސްޕޮންސަރކޮށްފައިވަނީ އެމްޓީސީސީންނެވެ. ކޯ ސްޕޮންސަރަކީ ފެނަކަ އެވެ.