ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިއަދު ޕެނަލްޓީ ޖަހައިގެން ކުލަބް ޑޮމިނޭޓާސް ބަލިކޮށް މުބާރާތުގެ ތަށި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިއްލާލައިފި އެވެ.
މިއަދު ހަވީރު ކުޅެވުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދިޔައިރުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. 2 - 2 ބް އެއްވަރުވުމުން ޕެނަލްޓީގައި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައިވަނީ 6 - 7 ންނެވެ.
މިއަދުގެ މެޗު ފެށިގެން ދެޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކިއިރު މެޗުގެ ފޯރި ވަރަށް ގަދަ އެވެ. މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ ހަނިމާދޫއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ އަލީ ހުސައިން އެވެ.
ހަނިމާދޫއިން ވަރުގަދަކޮށް ފެށި ކަމުގައިވީ ނަމަވެސް މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ޑޮމިނޭޓާސްއިން ވަނީ ފުރަތަަމަ ހާފުގެ ތެރޭގައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
ދެވަނަ ހާފަށް ދެޓީމުން ވެސް ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ޑޮމިނޭޓާސްގެ ފޯވާޑް ލަނޑެއް ކާމިޔާބުކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ދެވަނަ ހާފުގައި ހަނިމާދޫއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފަ އެވެ. މިލަނޑަކީ ޑޮމިނޭޓާސްގެ އަލީ މުހައްމަދު އެޓީމުގެ ނާއިލް ޔޫސުފަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. އަލީ ހުސެއިން (ދަގަނޑޭ) ކޯނަރު ދަނޑި ކައިރިން ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާލިފް އެވެ.
ހަނިމާދޫއިން ލަނޑު ޖެހުމާއެކު ޑޮމިނޭޓާސްއިން ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ދެވަނަ ފަހަރަށް ފަހަތުން އަރާ އެއްވަރުކުރި އެވެ. މިއީ ހަނިމާދޫގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޑޮމިނޭޓާސްގެ އިބްރާހިމް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހަނިމާދޫއިން ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަނީ އެވެ.
ޕެނަލްޓީ ޝޫޓްއައުޓް ހަނިމާދޫއިން ކާމިޔާބު ކޮށްފައިވަނީ 5 - 4 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫގެ އަލީ ހުސައިން (ދަގަނޑޭ) އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ސްޓްރައިކަރުގެ މަގާމު ވެސް ހޯދައިފަ އެވެ.
އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޑޮމިނޭޓާސްގެ އިބްރާހިމް އޮލަޑިމޭޖީ ޖިމޯ އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހަނިމާދޫގެ މޫސާ ކައުޔާޝް ކައިލް ހޯދިއިރު އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ކުލަބު ޑޮމިނޭޓާސްގެ ހަސަން މޫސާ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އަލީ ހުސެއިން (ދަގަނޑޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހަނިމާދޫގެ ކޯޗު ޖާދުއްﷲ އަލީ ހޯދިއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުލަބް ތިލަދުންމައްޗެވެ. އަދި 5 ލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ހަނިމާދޫގެ އަލީ ހުސައިންއާއި ޒިގްޒެގްގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ލާބީގެ އިތުރުން ޑޮމިނޭޓާސްގެ ޗުކުވުކާ މައިކަލް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 5 ލަނޑު ޖަހާފަ އެވެ.