އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ފަސޭހަކަމާއެކު ކެޑް ބަލިކޮށް ކުލަބް ކޮރަލްސްއިން ތާވަލުގެ އެއްވަނައިގައި އޮވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއަދު ހަވީރު ކުޅެވުނު ލީގު ބުރުގެ އެންމެފަހު މެޗުގައި ކެޑް އަތުން ކޮރަލްސް މޮޅުވީ 13 - 2 ންނެވެ. މެޗުގައި ކޮރަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު މިމެޗަކީ މިމުބާރާތުގައި އެޓީމު ކޮޅަށް ގޯލެއް ވަން ފުރަތަމަ މެޗުކަން ވެސް ފާހަގަކޮށްލެވެ އެވެ.
ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާއިރު ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ސެމީގެ މެޗެއް ކުޅެވޭނެ އެވެ. އެމެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނާނީ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.
ކޮރަލްސް ފައިނަލަށް ދަތުރުކޮށްފައި މިވަނީ ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ޒިގްޒެގެވެ. ޒިގްޒެގް ބަލިވީ ކޮރަލްސް އަތުން އެކަންޏެވެ. ތިންވަނައިގައި 6 ޕޮއިންޓާއެކު ސްކައި އޮތްއިރު ކެޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ މާއްޓޭ ސްޕޯޓްސް އެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކޮރަލްސްއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) ކޮރަލްސްއަށް ލީޑު ނަގައިދިނެވެ. އޭގެ 20 މިނެޓުފަހުން މެސީގެ ލަނޑުން ކޮރަލްސްއިން ލީޑު ފުޅާކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
އޭގެ ދެތިން މިނެޓުފަހުން ކުޅުދުއްފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އަހްމަދު ދާއޫދު ވަނީ ކޮރަލްސްއަށް އިތުރަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރަލްސްއިން އިތުރު ދެލަނޑު ޖެހި އެވެ. 43 ވަނަ މިނެޓުގައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު އަސްވަދު ރަޝީދު ވަނީ އެޓީމުގެ އަނެއް ލަނޑު ޖަހާފަ އެވެ.
ކޮރަލްސްއިން 5 ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށެވެ. ދެވަނަ ހާފު ފެށިގެން 10 މިނެޓުތެރޭ ކޮރަލްސްއިން ލަނޑުޖެހި އެވެ. ފަތުހުﷲ އާދަމް އެޓީމުގެ 6 ވަނަ ލަނޑު ޖަހައިދިނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ކެޑުގެ އަބްދުﷲ މުހައްމަދުގެ ލަނޑެއް ފެނިގެންދިޔައިރު މިއީ މިމުބާރާތުގައި ކޮރަލްސްގެ ގޯލަށް ވަން ފުރަތަމަ ލަނޑެވެ. އޭގެ މިނެޓެއް ފަހުން މެސީ ކޮރަލްސްގެ 7 ވަނަ ލަނޑު ޖެހިއިރު އޭގެ މިނެޓެއް ފަހުން އަނެއްކާވެސް ކެޑުން ލަނޑު ޖެހި އެވެ. މިލަނޑު ކެޑަށް ޖަހައިދިނީ އަބްދުލް މާޖިދެވެ. 68 ވަނަ މިނެޓުގައި ފަތުހުﷲގެ ލަނޑެއް އަނެއްކާވެސް ފެނުނުއިރު އެލަނޑަށްފަހު ކައިރި ކައިރީގައި ކޮރަލްސްގެ ތިން ލަނޑު ފެނިގެންދިޔަ އެވެ.
އެލަނޑުތައް ޖަހާފައިވަނީ މެސީއާއި އަހްމަދު ދާއޫދުގެ އިތުރުން އަމްޖަދު ހަސަން އެވެ. ކޮރަލްސްގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ މެޗު ނިމެން ތިން މިނެޓަށްފަހު ވެފައިވަނިކޮށް އަހްމަދު ދާއޫދެވެ. މިލަނޑާއެކު އޭނާ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ވެސް ފުރިހަމަކޮށްފަ އެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 10 އިސްމާއިލް އީސާ (މެސީ) އެވެ. ހެޓްރިކެއް ކާމިޔާބުކުރުމުގެ އިތުރުން މެސީގެ ފަރާތުން މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން ނުކުންނާނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖާ ދެކޮޅަށެވެ. މިމެޗު ފަށާނީ ހަވީރު 15:50 ގައި ޒޯން ސްޓޭޑިއަމް 1 ގަ އެވެ. ފައިނަލް އޮންނާނީ ހޯމަދުވަހުގެ ހަވީރު އެވެ. ފައިނަލުގައި ކޮރަލްސްއިން ނުކުންނާނީ ޒިގްޒެގާ ސްކައި ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.