twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މުވައްޒަފުން ބަދަލުކޮށް ތަޖުރިބާ ހޯދުމަށް ކުޅުދުއްފުށީ ކައުންސިލާ ތިނަދޫ ކައުންސިލާ ދެމެދު އެއްބަސްވެއްޖެ

ނަބީލާ އިސްމާޢީލް
Dec 21, 2022
2

މުވައްޒަފުން ބަދަލުކޮށް ތަޖުރިބާ ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފް އެވެ. ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ސައުދު އަލީ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ މި އެއްބަސްވުމުގެ މަގުސަދަކީ ތަޖުރިބާ ހާސިލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތެއްގައި(މިސާލަކަށް 1 މަސްދުވަހަށް) ދެ ކައުންސިލު ދެމެދު މުވައްޒަފުން ބަދަލުކޮށްލުން ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ކުޅުދުއްފުށި ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެތެރެއިން އިއްޔެ އެވެ.

މޭޔަރު ވިދާޅުވީ ކުޅުދުއްފުއްޓާއި ތިނަދޫއަކީ ފުދޭވަރަކަށް އެއްގޮތަކަށް ތައްގީވަމުން އަންނަ ދެ ރަށްކަމަށާއި ދެ ކައުންސިލަކީ ވެސް ވަރަށް އެއްގޮތަށް މަސައްކަތްކުރާ ދެ ކައުންސިލްކަމުވުމުން މިފަދަ ކަމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"ރަށުން ބޭރުން އަރާ ފައިބާ މީހުންވެސް، ކުޅުދުއްފުއްޓަކީވެސް މިހިސާބުގެ ހަބުގެ ގޮތުގައި ފާހަގަވެފައިވާ ފަދައިން، ތިނަދޫއަކީ ވެސް މުޅި ހުވަދު އަތޮޅުގެ މީހުން އެކި ހިދުމަތްހޯދަން އަރާ ފައިބާ ރަށް. އެހެވީމާ ފުދޭވަރަކަށް އެއްކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ދިމާވާނީ" މޭޔާރު ވިދާޅުވި އެވެ.

މޭޔާރު ވިދާޅުވީ މި އެއްބަސްވުމުގެ ތެރެއިން ދެ ކައުންސިލު އިދާރާގެ މުވައްޒަފުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ދެ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ދެނެގަންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޮންމެ ކައުންސިލަކުން ވެސް ކުރާ ރަނގަޅު ކަންކަން ދެނެގަނެވި، ރަނގަޅުކުރަން ހުރި ކަންކަން ވެސް ހޯދޭނެ ކަމަށެވެ.

އާތިފް ވިދާޅުވީ މި އެއްބަސްވުމަކީ މިހާރުއޮތް ކައުންސިލުގެ ދައުރު ހަމަވުމާއި ހަމައަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެން ކަމުން މި އެއްބަސްވުމަށް 2026 ވަނަ އަހަރުގެ މެއި ހަމައަށް އަމަލުކުރާނެ ކަމަށެވެ.

މި އެއްބަސްވުމާއެއްގައް މަސައްކަތް ކުރެވުމުން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާ އާއި މަސައްކަތް ކުރެވޭނެ ކަމަށާއި ހައްލުކުރުމުގައި ދަތިވާ ކަންކަން މައި ސަރުކާރާ ހަމައަށް ފޯރުކޮށްދިނުމަށް ވެސް ފަސޭހަ ވާނެކަން ފާހަގަ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355