twitterviber whatsapp telegramfacebookyoutube instagram
16th April 2024

ކީރިތި މާތް ﷲ އާއި މަލާއިކަތް ބޭކަލުންގެ ލޯބި ތިމާއަށް ހޯދޭނޭ 7 ކަމެއް

ހ.މ
Dec 26, 2022

ތިމާ ހައްދަވާ ގެންގުޅުއްވާ އިލާހް، މާތް ﷲ ގެ ލޯބިވެ ވޮޑިގަތުން ހާސިލްކުރަން މަސައްކަތް ކުރުމަކީ، ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި މި ލޯބި، ހައްދަވާ ގެންގުޅުއްވާ އާލަމްތަކުގެ ވެރި އިލާހުގެ ލޯބި ހާސިލްވެއްޖެނަމަ، އެމީހަކަށް ބޭނުންވާނެ އެހެން ހުރިހާ ލޯތްބެއްވެސް ލިބޭނޭކަމީ ކަށަވަރު ކަމެކެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅަކުން އެނގޭ ގޮތުގައި މާތް الله ސުބްޙާނަހޫ ވަތަޢާލާ އަޅަކުދެކެ ލޯބިވެ ވޮޑިގެންފިނަމަ ޖިބްރީލް ޢަލައިހި ސަލާމް އަށް ވަޙީކުރައްވައެވެ. ތިމަން الله މިވެނި އަޅަކުދެކެ ލޯބިވެ ވޮޑިގަންނަވަމެވެ. އެހެންކަމުން ކަލޭގެފާނު މިވެނި އަޅަކު ދެކެ ލޯބިވެ ވޮޑިގަންނަވާށެވެ. ދެން ޖިބްރީލް ޢަލައިހި ސަލާމް އެމީހަކު ދެކެ ލޯބިވެއެވެ. އަދި ސުވަރުގޭގައިވާ ހުރިހާ މަލާއިކަތުންނަށް އެ އަޅަކުދެކެ ލޯބިވުމަށް އަންގައެވެ.

ތިރީގައި އެވަނީ މި ދެންނެވި ޚާލިޤުވަންތަ ﷲ ގެ ލޯބިވެވޮޑިގަތުމާއި މަލާއިކަތް ބޭކަލުންގެ ލޯބިވެ ވޮޑިގަތުން ހާސިލް ކުރެވޭނޭ 7 ކަމެކެވެ.

1- ތައުބާވުން

ސޫރަތުލް ބަގަރާގެ 222 ވަނަ އާޔަތުގެ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ މާތް ﷲ ލޯބިވެ ވޮޑިގެންވެއެވެ."

2- ތާހިރުވުން

މަތީގައި ބަޔާންކުރެވުނު ސޫރަތުލް ބަގަރާގެ ހަމަ އެއާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"ތާހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގެންވެއެވެ."

3- ތަގުވާވެރިވުން

ތަގުވާވެރިވުމާ ގުޅޭ ގޮތުން ސޫރަތުލް ތައުބާގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"ހަމަކަށަވަރުން، ތަގުވާވެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."

4- އިޙްސާންތެރިވުން

އިޙްސާންތެރިވުމަކީ ތިމާއަށް މާތް ﷲ ނުފެނުނު ކަމުގައިވީ ނަމަވެސް، އަމަލުތައް ކުރުމުގައި އެކަލާނގެ ހުރިހާ ކަމެއް ދެނެވޮޑިގަންނަވާކަން އެނގޭ ހާލު އަޅުކަން ކުރުމެވެ. އިޙްސާންތެރި ކަމާ ގުޅޭގޮތުން މާތް ﷲ އާލް ޢިމްރާން ސޫރަތުގެ 134 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

"އިޙްސާންތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ"

5- މާތް ﷲ އަށް ވަކީލްކުރުން

ވަކީލްކުރުމަކީ، ތިމާގެ ހުރިހާ ކަމެއްގައި އެކަލާނގެއާ މެދު ފުރިހަމަ އިތުބާރު އޮތުމެވެ. މާތް ﷲ އީ އެންމެ އޯގާވަންތަ އިލާހުކަމާއި، އެކަލާނގެއާ ނުލައި އެއްވެސް ކަމެއް ނުވާނެކަން ތިމާގެ ހިތުން ތެދުކޮށް ގަބޫލްކުރުމެވެ. ވަކީލްކުރުމާ ގުޅޭގޮތުން އަރަހުށި މާތް ﷲ އާލްއިމްރާން ސޫރަތުގެ 159 އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛

"ވަކީލް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

6- އަދުލުވެރިވުން

ަދުލުވެރިކަމަކީ މާތްވެގެންވާ އިސްލާމް ދީން އެކަމަކަށް ބާރު އަޅާ އެއް ކަމެވެ. މީސްތަކުންގެ މެދުގައި އަދުލަށް ކަންކަން ކުރުމަކީ އާޚިރުގައި އެމީހަކަށް ހެޔޮޖަޒާ ލިބެނިވި އަމަލެކެވެ.

އަދުލުވެރިވާ މީހުންދެކެ މާތް ﷲ ލޯބިވެ ވޮޑިގެންވާކަން ބަޔާންކުރައްވާ ސޫރަތުލް މާއިދާގެ 42 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛

"އަދި ކަލޭގެފާނު ޙުކުމް ކުރައްވާނަމަ އެއުރެންގެ މެދުގައި ޢަދުލަށް ހުކުމް ކުރައްވާށެވެ! ހަމަކަށަވަރުން، ޢަދުލަށް ޙުކުމް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

7- ކެތްތެރިވުން

އެކި މީހުންނަށް ދުނިޔެވީ ދިރިއުޅުންވަނީ އެކިގޮތަށެވެ. ދަތި އުނދަގުލާ، ފަސޭހަ ކަމެވެ. މުއްސަނދިކަމާ ފަގީރު ކަމެވެ. އަހަރެމެންނަށް އޮތީ ތިމާއަށް ލިބޭ ހިތްދަތި ކަމާ ދަތިކަމުގެ ދުވަސްތަކުގައި ކެތްތެރިވުމެވެ. އެކަލާނގެއަށް ކިޔަމަންވުމެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަހަރެމެންނަށް ކެތްތެރިވުމަށް ނަސޭހަތްދީ އިރުޝާދު ދެއްވާފައިވެއެވެ. އަދި އެކަލާނގެ ކެތްތެރިވާ މީހުންދެކެ ލޯބިވެ ވޮޑިގެންވާކަން ހާމަކުރައްވާ އާލް އިމްރާން ސޫރަތުގެ 146 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛

"ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

ދުޢާއަކީ، އަޅުގަނޑުމެންނަކީ، އަރަހުށި މާތް ﷲ އާއި މަލާއިކަތުންގެ ރުއްސެވުމާ އެކަލާނގެ ލޯބިވެ ވޮޑިގަންނަވާ ބައެއް ކަމުގައި ލެއްވުމެވެ. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355