އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ ލިވަޕޫލާއި ވުލްވުސް އެއްވަރުވެ ރިޕްލޭ މެޗެއް ކުޅެން ޖެހިއްޖެ އެވެ.
ރޭ އެންފީލްޑް ސްޓޭޑިއަމްގައި ވުލްވުސްއާ ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 2 - 2 ން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވުލްވުސްއިންނެވެ. 26 ވަނަ މިނެޓުގައި އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާ ނަގައި ވުލްވުސްއަށް ލީޑު ނަގައިދިނީ ގޮންޒާލޯ ގުއޭޑޭޝް އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓްރެންޓް އަލެކްސަންޑަ-އާނޯލްޑްގެ ހުރަހަކުން ޑާވިން ނޫނޭޒް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި ދެވަނަ ހާފަށް ނުކުމެ ލިވަޕޫލުން ކުޅުނު ރަނގަޅުކުރިއިރު ދެވަނަ ހާފު ފެށިގެން ހަތް މިނެޓްތެރޭ ސަލާހު ވަނީ ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
މިލަނޑަށް ފަހު ވުލްވުސްއިން ބަދަލުތަކެއް ގެނައިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ހްވާން ހީޗަން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިލަނޑަށް ފަހު ވެސް ވުލްވުސްއިން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ އެގޯލު ބަލައެއްނުގަތެވެ.
މިއާއެކު އަނެއް ބުރަށް ހޮވޭ ޓީމެއް ކަނޑައެޅުމަށް ދިހަ ދުވަސްތެރޭ ދެޓީމުގެ މެދުގައި ރިޕްލޭ މެޗެއް ކުޅެވޭނެ އެވެ. ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ ޝެފީލްޑް ވެނެސްޑޭ އަތުން 2 - 1 ން ބަލިވެ ކަޓާފަ އެވެ.
ޓޮޓެންހަމުން ޕޯޓްސްމައުތު 1 - 0 ން ބަލިކުރިއިރު ބާންލީން ވަނީ 4 - 2 ން ބޯންމައުތުގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި ފުލަމް އިން ހަލް ސިޓީ ބަލިކުރީ 2 - 0 ންނެވެ. ވެސްޓްހަމުން ވަނީ 1 - 0 ގެ ހަނިތަފާތަކުން ބްރެންޓްފޯޑް ވެސް ބަލިކޮށްފަ އެވެ.