އަފީފުއްދީން ސްކޫލްގެ ސެން ކުލާހުގައި ކިޔަވަމުން އަންނަ ކުޅުދުއްފުށީ ސަބްނަމީގެ ހަސަން އަޒްޔާން އަބްދުލްހަމީދުގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެ ސްކޫލުން ކެންޓީނެއް ހިންގުމަށް ނިންމައިފި އެވެ.
އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދުރީސް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ 09:00 ން 12:00 އަށް އަފީފުއްދީން ސްކޫލްގެ ގޭޓް ނަންބަރު 3ގެ ލޮބީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެންޓީނަކީ އެ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ބެލެނިވެރިންނާއި ޓީޗަރުން އިސްނަގައިގެން ހިންގާ ހަރަކާތެއް ކަމަށެވެ.
ބެލެނިވެރިންނާއި ޓީޗަރުން ހަދިޔާކުރާ މި ކާބޯތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ އެ ސްކޫލް ދަރިވަރުންގެ އިންޓަވަލްއަށާއި ސްކޫލް މުވައްޒަފުންނަށެވެ. ޕްރިންސިޕަލް ވިދާޅުވީ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އަޒްޔާނަށް ކަމަށެވެ.
މީގެ އިތުރުން މާދަމާގެ ހެނދުނު 9:00 ން ހަވީރު 18:00 އަށް ފަންޑު ފޮއްޓެއްވެސް ބެހެއްޓުމަށް އެ ސްކޫލުންވަނީ ނިންމާފަ އެވެ. ނަމަވެސް ފަންޑު ފޮއްޓަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އާންމުންނަށްވެސް ވަނީ ހުޅުވާލާފަ އެވެ.
އަޒްޔާންގެ މަންމަ އާއިޝަތު ސުޒާނާ ވިދާޅުވީ މި ފަދަ ހަރަކާތެއް އަޒްޔާނަށް ޓަކައި ސްކޫލުން އިސްނަގައިގެން ކޮއްދޭތީ ސްކޫލްގެ ވެރިންނަށާއި މުވައްޒަފުންގެ އިތުރުން ބެލެނިވެރިންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގޭ ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު ސްކޫލަށް ވެއްދިތާ އަދި މިވީ މަހެއްހާ ދުވަސް ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ސްކޫލުން އިސްނަގައިގެން މިފަދަ ހަރަކާތެއް ހިންގާތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭގޭ އަޅުގަނޑަކަށް. ޔާންގެ އާންޓީމެންވެސް ވަރަށް ރަނގަޅު ޔާންއަށް އެ ހުރިހާ ފަރާތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."ޝުޒާނާ ބުންޏެވެ.
އުމުރުން އެންމެ 5 އަހަރުގެ ތުއްތު އަޒްޔާން އަކީ ލޮލުގެ އެތެރެއިން ނިރުލައިގެން އުފެދިފައިވާ ޓިއުމަރެއް ބޮޑުވަމުން ގޮސް މިހާރުވަނީ ޔާންގެ ސިކުނޑީގެ ނާރުތަކުގެ ތެރެއަށް އޭގެ އަސަރުފޯރާ ލޮލުގެ ފެނުންވެސް ވަރަށް ބޮޑަށް ދަށްވެފައި ވުމުން އެޓިއުމަރު ނެގުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ބޮލުގެ ބޮޑު ތިން އޮޕަރޭޝަން ކުރެވި ޓިއުމަރުގެ ބޮޑުބައެއް ވަނީ މިހާރު ނެގިފަ އެވެ. ނަމަވެސް ޓިއުމަރު އެއްކޮށް ނަގަން އަދި ދުވަސްނަގާނެ ކަމަށް ޑޮކްޓަރުންވަނީ ބުނެފަ އެވެ.
މި މަހު އަޒްޔާންގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެ އާއިލާއިން ވަނީ އާންމުގެ އެހީތެރިކަމަށްވެސް އެދިފަ އެވެ.