twitterviber whatsapp telegramfacebookyoutube instagram
28th March 2024

މާލީ ގަވައިދުތަކާ ހިލާފުވި މައްސަލަތަކަކާއެކު ސިޓީއަށް ބިރެއް

މުޙައްމަދު އަހުމަދު
Feb 6, 2023

މެންޗެސްޓަރ ސިޓީން ގިނަ އަހަރުތަކެއް ވަންދެން އިނގިރޭސި ޕްރިމިއާ ލީގާއި ފައިނޭންޝަލް ފެއާ ޕްލޭ (އެފްއޭއެފްޕީ)ގެ ގަވައިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ 100 އަށްވުރެ ގިނަ މައްސަލަތައް ފެންމަތިވެއްޖެ އެވެ.

2009 ން 2018 އަށް ސިޓީން ގަވައިދާ ހިލާފަށް ކޮށްފައިވާކަމަށް ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި ޕްރިމިއާ ލީގުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިކަމުގެ ތަހުގީގު ފެށުނުއިރު ތަހުގީގަށް އެއްބާރުލުން ނުދިން ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ސިޓީން ވަނީ 2008 ވަނަ އަހަރު އަބޫ ދާބީ ޔުނައިޓެޑް ގްރޫޕުން އެޓީމު ގަތްފަހުން އެޓީމުގެ 6 ވަނަ ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

މިހާރު ފެންމަތިވެފައިވާ ކަހަލަ މައްސަލަތަކާ ގުޅިގެން އައިސްދާނެ ބައެއް އަދަބުތަކަށް ބަލާއިރު ޖޫރިމަނާއާއި ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއާ ލީގުން ބޭރުން ކޮށްލުން ކަހަލަ އަދަބުތައް ހިމެނެ އެވެ.

ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައިވާ ގޮތުން ސިޓީން ހިލާފުވި އެއް ގަވައިދަކީ ކުލަބުގެ މާލީ ހާލަތު ހާމަވާނެހެން ސީދާ ތެދު މާލީ މައުލޫމާތު ދީފައިނުވާ ކަމަށެވެ. އެމައުލޫމާތުތަކުގެ ތެރޭގައި ކުލަބްގެ އާމްދަނީ ހިމެނޭނެ އެވެ. އާމްދަނީގެ ގޮތުގައި ސްޕޮންސަރޝިޕްތަކުން ލިބޭ ފައިސާއާއި އޮޕަރޭޓިން ހަރަދުތައް ވެސް ހިމެނޭނެ އެވެ.

އިތުރަށް ކޮށްފައިވާ ތުހުމަތުތަކަށް ބަލާލއިރު މެނޭޖަރުގެ މުސާރައާއި ކުޅުންތެރިންގެ މުސާރައިގެ ތަފްސީލް ހާމަނުކުރުމުގެ މައްސަލަތައް ހިމެނެ އެވެ. އެއީ 2009 ން 2010ގެ ސީޒަނާއި 2012 ން 2013 ގެ ސީޒަނެވެ. އޭރު މެނޭޖަރަކަށް ހުރީ ރޮބާޓޯ މަންޗީނީ އެވެ. އަދި ކުޅުންތެރިންގެ މުސާރައިގެ ގަވައިދާ ހިލާފުވެފައި އިން ކަމަށް ތުހުމަތުކޮށްފައިވަނީ 2010 ން 2011 ގެ ސީޒަނާއި 2015 ން 2016 ސީޒަނުގަ އެވެ.

ޕްރިމިއާ ލީގުން އިތުރަށް ބުނިގޮތުގައި ސިޓީން ވަނީ ޔޫއެފާގެ ގަވައިދުތަކުގެ ތެރޭގައި ހިމެނޭ ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދަށް 2013 - 2014 ގެ ސީޒަނުގައި އަދި 2017 - 2018 ގެ ސީޒަނުގައި ހިލާފުވެފަ އެވެ. އަދި ޕްރިމިއާ ލީގުގެ ގަވައިދުތަކާ 2015 - 2016 އަދި 2017 - 2018 ގެ ސީޒަނުގައި ހިލާފުވެފައިވާ ކަމަށް އެލީގުން ތުހުމަތު ކުރެ އެވެ.

2020 ވަނަ އަހަރު ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާއިން ވެސް ވަނީ 2012 އާއި 2016 އާ ދެމެދު ސިޓީން އެފްއެފްޕީގެ ގަވައިދުތަކާ ހިލާފުވެފައިވާކަމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

އެފަހަރު ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ކުރި ދެއަހަރުގެ ބޭން އެއަހަރުގެ ފަހުކޮޅު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް)އިން ވަނީ އުވާލާފަ އެވެ.

ޔޫއެފާއިން ސިޓީއާ ދެކޮޅަށް ތަހުގީގު ފެށީ ނޮވެމްބަރު 2018 ގައި ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕީގެލްއިން އާއްމުކުރި ލީކުވެފައިވާ ލިޔުންތަކުގެ ސަބަބުންނެވެ. އެލިޔުންތަކުން ފެންނަ ގޮތުގައި ސިޓީން ވަނީ ސްޕޮންސަރޝިޕެއްގެ އަގު އިންތިހާއަށް މަތިކޮށްފަ އެވެ.

މިމައްސަލަ ބަލާ ކޮމިޝަނުގެ އަޑުއެހުންތައް ޗެއާ ކުރާނީ މުރޭ ރޯސެން ކޭސީ އެވެ. އަދި މިއަޑުއެހުންތައް ކުރިއަށްދާނީ ސިއްރިޔާތުގަ އެވެ. އަދި ހުރިހާ މައުލޫމާތެއް ވެސް ސިއްރުކުރެވޭނެ އެވެ.

ޕްރިމިއާ ލީގުން ތަހުގީގު ފެށިއިރު ސިޓީން ވަނީ އެކުލަބުގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުހުމަތުތަކަކީ ވެސް މުޅިން ދޮގު ތުހުމަތުތަކެއް ކަމަށާއި ޑާ ސްޕީގެލްއިން އާންމުކުރި ލިއުންތައް އައީ ގަވައިދާ ހިލާފަށް ހެކްކޮށްގެން ކަމަށް ބުނެފަ އެވެ. ނަމަވެސް މިފަހަރު ޕްރިމިއާ ލީގުން ކޮށްފައިވާ ޗާޖްތަކަށް އަދި ސިޓީން ބަހެއް ބުނެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355