އަރަހުށި މާތް ﷲ ކީރިތި ޤުރުއާނުގެ غافر ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛
"ކައިރިވަމުން އަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ ޙާލު، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަ ހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް ރަޙްމަތްތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ ޝަފާޢަތްތެރިޔަކުވެސް ނުވެއެވެ"
މާތް ﷲ ކީރިތި ޤުރުއާނުގެ ޔާސީން ސޫރަތުގެ 49 އަދި 50 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛
"ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން އިންތިޒާރެއް ނުކުރެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ. ފަހެ (އެހިނދު) އެއްވެސް ވަސިއްޔަތެއް ކުރާކަށް އެބައިމީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. އަދި އެބައިމީހުންގެ އަހުލުވެރިންގެ ގާތަކަށް އެބައިމީހުން އެނބުރި ނުމެ އަންނާނޭމެއެވެ."
އާދޭހެވެ. އެއީ ބިރުވެރި ދުވަހެކެވެ. އެދުވަހުގެ ބިރުވެރިކަން އަހަރެމެންނަށް އިހްސާސް ނުކުރެވެއެވެ. ދުނިޔޭގެ ދިރިއުޅުން އަހަރެމެންވަނީ އެކަމުން ހަނދާން ނައްތާލާފައެވެ. މާތް ﷲ އާއި މިއުންމަތުގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާޚިރަތް ދުވަހާއި ގުޅޭގޮތުން އެތައް ނަސޭހަތާއި އިރުޝާދުތަކެއްވަނީ މިއުންމަތަށް ދެއްވާފައެވެ. އެދުވަހަށް ރައްކާވެ ތައްޔާރުވެ ތިބުމަށާއި، އެދުވަހުން ސަލާމަތްކަން ލިބޭނޭ މަގުތައްވަނީ ދައްކަވާފައެވެ.
އެގޮތުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛
"ޤިޔާމަތް ދުވަހުގެ ތުރާތަކުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކު ސަލާމަތް ކޮށްދެވުމަށް އެދޭ މީހާ، ފަހެ ދަތި ހާލުގައި އުޅޭ މީހަކަށް އެހީތެރިވެ ފަސޭހަކޮށްދޭށެވެ. ނުވަތަ އެކަމެއް އެމީހަކާ ދުރުކޮށްދޭށެވެ" (މުސްލިމް)
އަދިވެސް އެކަލޭގެފާނު ވިދާޅުވެފައިވާ ހަދީސް ބަސްފުޅެއްގެ މާނާގައިވަނީ؛
"ނިކަމެއްޗަކު ނަގާފައިވާ ދަރަންޏެއް ފަސްކޮށްދީ ނުވަތަ އެ ދަރަނި މަޢާފުކޮށްދީފި މީހަކު (ޤިޔާމަތް ދުވަހުން) ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ހިޔާވަހިކަމުން އެމީހަކަށް ހިޔާވަހިކަން ދެއްވާނެތެވެ." (މުސްލިމް)
މި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސްތަކުން، އާޚިރަތް ދުވަހުން ކާމިޔާބު ހޯދޭނޭ އެތައް ކަމެއް އޮޅުންފިލުވައި ދެއްވާފައިވެއެވެ.