މޮރޮކޯގައި ކުރިއަށްދިޔަ ފީފާ ކުލަބް ވޯލްޑްކަޕުގެ ފައިނަލުގައި ރޭ ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް ޔޫރަޕުގެ ގަދަބާރު ރެއާލް މެޑްރިޑުން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި ހިއްލާލައިފި އެވެ.
އެންމެ ގިނަ ފަހަރު މިތަށި ހޯދުމުގެ ޝަރަފާއެކު ކުލަބް ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ރޭ ވަނީ 5 - 3 ން އަލް ހިލާލް ބަލިކޮށްފަ އެވެ. މީގެކުރިން 2014، 2016، 2017 އަދި 2018 ވަނަ އަހަރު ރެއާލުން ވަނީ ކުލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.
5 - 3 ން އަލް ހިލާލްގެ މައްޗަށް ރެއާލުން ކުރިހޯދި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ރެއާލުންނެވެ. ފުރަތަމަ 20 މިނެޓު ތެރޭ ވިނީޝިއަސް ޖޫނިއާއާއި ފެޑެރީކޯ ވަލްވާޑޭގެ ލަނޑުން ރެއާލުން ދެލަނޑުގެ ލީޑެއް ނަގާ މެޗުގެ ކޮންޓްރޯލް ހޯދި އެވެ.
އަލް ހިލާލަށް އުއްމީދެއް ލިބުނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ މޫސާ މަރޭގާ ޖަހައިދިން ލަނޑުންނެވެ. ދެވަނަ ހާފުވެސް ރެއާލުން ފެށީ ވަރުގަދަކޮންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރެއާލްގެ 3 ވަނަ ލަނޑު ބެންޒެމާ ޖަހައިދިން އިރު 4 ވަނަ ލަނޑު ޖެހީ ވަލްވާޑޭ އެވެ.
63 ވަނަ މިނެޓުގައި އަނެއްކާވެސް އަލް ހިލާލްގެ ލޫޝިއާނޯ ވިއޭޓޯގެ ލަނޑު އެޓީމަށް އުއްމީދެއް ލިބުނު ނަމަވެސް އޭގެ 6 ވަރަކަށް މިނެޓުފަހުން ރެއާލްގެ ފަސްވަނަ ލަނޑު ޖަހައިދީ ވިނީޝިއަސް ޖޫނިއާ ވަނީ އަލް ހިލާލްގެ އުއްމީދަށް ފަޑުކަން ގެނެސްފަ އެވެ. 79 ވަނަ މިނެޓުގައި ވިއޭޓޯގެ ލަނޑުން ފަރަގު ކުޑަވި ނަމަވެސް އަލް ހިލާލަށް އެއްވަރެއް ނުކޮށްލެވުނެވެ.