twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގަތަރުގެ ޝެއިހް ޖާސިމް އަދި އީނިއޮސްގެ ބިޑެއް މެންޗެސްޓަރ ޔުނައިޓެޑަށް

މުޙައްމަދު އަހުމަދު
Feb 18, 2023

ގަތަރުގެ އެންމެ ބޮޑު އެއް ބޭންކްގެ ޗެއާމަން ޝެއިހް ޖާސިމް ބިން ހަމަދު އައްޡާނީ އަދި އީނިއޯސް ކުންފުނިން މެންޗެސްޓަރ ޔުނައިޓެޑް ގަތުމަށް ބިޑް ހުށައަޅައިފި އެވެ.

ބީބީސީ ސްޕޯޓުން ރިޕޯޓުކުރި ގޮތުގައި ސަރ ޖިމް ރެޓްކްލިފްގެ އީނިއޯސްއިން ވެސް ވަނީ މެންޗެސްޓަރ ޔުނައިޓެޑް ގަތުމަށް ބިޑްކޮށްފަ އެވެ. ބިލިއަނަރު ރެޓްކްލިފް ވަނީ މީގެކުރިން ވެސް ޔުނައިޓެޑް ގަތުމަށް އޭނާ ޝައުގުވެރިކަން އޮތްކަން ހާމަކޮށްފަ އެވެ.

2005 ވަނަ އަހަރު ޔުނައިޓެޑް ގަތް ގްލޭޒާ ފެމެލީއިން އަންނަނީ އެކުލަބް ވިއްކާލުމަށް ވިސްނަމުންނެވެ. ޝެއިހް ޖާސިމްގެ ގްރޫޕުން ބުނެފައިވަނީ މި ބިޑުގެ މަގްސަދަކީ ކުލަބު ކުރިން ހޯދަމުން އައި ކާމިޔާބީތަކަށް އެނބުރި ގެނައުން ކަމަށެވެ. އަދި މިބިޑަކީ ދަރަނި ނެތް ބިޑެއް ކަމަށާއި މި ބިޑް ފުރިހަމަކުރާނީ ޝެއިހް ޖާސިމްގެ ނައިން ޓޫ ފައުންޑޭޝަނުން ކަމަށެވެ.

އަދި އެމީހުން ފުޓްބޯޅް ޓީމްގަޔާއި ޓްރެއިނިން ސެންޓަރުގައި އަދި ސްޓޭޑިއަމަށް އިންވެސްޓްކުރާނެ ކަމަށާއި ފޭނުންގެ ތަޖުރިބާއާއި ގިނަ ކަންތައްތަކަށް ބަލާނެ ކަމަށްވެސް ޝެއިހް ޖާސިމްގެ ގްރޫޕުން ބުނެފައިވެ އެވެ. ބިޑުގެ އެންމެ ބޮޑު އެއް މަގުސަދަކީ ފުޓްބޯޅައިން އެކުލަބުގެ ނަން މަތިކުރުމާއި އެކުލަބަކީ ހުރިހާ ގޮތަކުން ވެސް ދުނިޔޭގެ އެންމެ މޮޅު ކުލަބަށް ހެދުން ކަމަށެވެ.

އީނިއޯސްއިން އަދި ބަޔާނެއް ނެރެފައިނުވި ނަމަވެސް އެ ޕްރޮޕޯސަލްއާއެކު ރެޓްކްލިފް ވާނީ މެންޗެސްޓާއަށް އުފަން އަދި އިނގިރޭސި ރައްޔިތަކު އެކުލަބަށް ކުރާ ބިޑަކަށެވެ. 70 އަހަރު އިނގިރޭސި ބިލިއަނަރު ރެޓްކްލިފްގެ އީނިއޯސް ގްރޫޕަކީ ކުޅިވަރުގައި އިންވެސްޓްކުރުމުގެ ބޮޑު ތާރީހެއް އޮތް ކުންފުންޏެކެވެ.

ފްރެންޗް ލީގު 1 އަށް ކުޅޭ ކުލަބް ނައިސް އާއި ސްވިސް ކުލަބް ލައުސާނޭގެ އޯނަރުންނަކީ ވެސް އީނިއޯސް ގްރޫޕެވެ. މީގެއިތުރުން ނަން މަޝްހޫރު ސެއިލިން ޓީމް އީނިއޯސް ބްރިޓޭނިއާ އަކީ ވެސް އެގްރޫޕުގެ ކުލަބެކެވެ. އެކުލަބުން މިވަގުތު އަމާޒު ހިފާފައި ހުރީ ގްރޭޓް ބްރިޓެއިންއަށް އެމެރިކާ ކަޕް 2024 ހޯދައިދިނުމަށެވެ.

މިގްރޫޕުގެ 5 އަހަރުގެ ޕާޓްނާ ޝިޕެއް ފޯމިއުލާ 1 ޓީމު މާސިޑީސްއާއެކު އޮންނައިރު އެގްރޫޕުން ވަނީ 2019 ވަނަ ސައިކަލިން ޓީމު ޓީމް ސްކައި ވެސް ގަނެފަ އެވެ.

ޝެއިހް ޖާސިމްއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ވަރަށް ބޮޑު ފޭން އެކެވެ. އަދި އޭނާ އަކީ ގަތާރީ ބޭންކް (ކިއުއައިބީ)ގެ ޗެއާމަން އެވެ. އަދި ކުރީގެ ގަތަރުގެ ޕްރައިމް މިނިސްޓަރެއްގެ ދަރިއެއްވެސްމެ އެވެ.

ޝެއިހް ޖާސިމް ކުލަބު ގަތުމަށް ނިންމާފައިވާ އަގު ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން އެމެރިކާއިން ވެސް ޔުނައިޓެޑަށް 2 އޮފާއެއް ހުށައަޅާނެ ކަމަށް ބެލެވޭއިރު 20 ފަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޔުނައިޓެޑް ގަތުމަށް ޖުމްލަ ފަސްވަރަކަށް ގްރޫޕުން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355