ފާއިތުވީ ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް ހިފުމީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ކަމެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ؛
"ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ.! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއި ފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."
މިއާޔަތުން އަރަހުށި މާތް ﷲ އެވަނީ ވަރަށް ސާފުކޮށް ރަމަޟާން މަހުގައި ގެއްލޭ ރޯދަތައް އެހެން ދުވަސްތަކަކުން ފުރިހަމަ ކުރުމަށް އަންގަވައި އިރުޝާދު ދެއްވާފައެވެ.
ޢާއިޝާ رضي الله عنها ގެ ކިބައިން އައިސްފައިވެއެވެ.
"كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ ، وَذَلِكَ لِمَكَانِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم" (رواه البخاري ومسلم)
މާނައީ: (ޢާއިޝާތުގެފާނު ވިދާޅުވިއެވެ.) "ރަމަޟާންމަހުގެ ގެއްލިފައިވާ ރޯދަތައް ތިމަންކަމަނާގެ މައްޗަށްވެއެވެ. އެރޯދަތައް ތިމަންކަމަނާއަށް ހިފޭވަރުވަނީ ޝަޢުބާން މަހުގައެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މަކާނަތައްޓަކައެވެ." (އެބަހީ: ރަސޫލު ﷲ صلى الله عليه وسلم ގެ ޚިދުމަތުގައި ހުންނެވުމަށް އިސްކަންދެއްވާތީ، ރަމަޟާންމަހުން ނުހިފި ހުންނަ ރޯދަތައް އެކަމަނާ ޝަޢުބާނު މަހާއި ހަމައަށްވެސް ނުހިފި ލަސްކުރައްވާކަމެވެ. ނަމަވެސް އެންމެ ލަސްވެގެން ޝަޢުބާން މަހުގެ ތެރޭގައި އެ ރޯދަތައް ހިފައި ފުރިހަމަ ކުރައްވާ ކަމެވެ.)
ރަމަޟާން މަސް ފިޔަވައި އަހަރުގެ އެހެން ދުވަސްތަކުގައި ރޯދައަށް ހުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ރޯދައަށް ހުރުން ނަހީކުރައްވާފައިވާ ދުވަސްތަކެއް ވެއެވެ. ޤަޟާ ރޯދަ ހިފަންޖެހެނީ ރޯދަހިފުން ހުއްދަ ދުވަސް ދުވަހުއެވެ. ދެޢީދު ދުވަސް ނުވަތަ އައްޔާމުއްތަޝްރީޤު ފަދަ ރޯދަ ޙަރާމް ދުވަސް ދުވަހު ޤަޟާ ރޯދަވެސް ނުހިފޭނެއެވެ. އަދި ފާއިތުވެފައިވާ ރަމަޟާން މަހެއްގެ ރޯދަ ރަމަޟާން މަހެއްގެ ތެރޭގައި ޤަޟާ ނުކުރެވޭނެއެވެ. އެއީ އެ ރަމަޟާން މަހުގެ ފަރުޟު ރޯދަ ހިފަންޖެހޭނެތީއެވެ. ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހަމައެކަނި ހުކުރު ދުވަހު ރޯދަ ހުރުންވެސް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ނަހީކުރައްވާފައިވެއެވެ.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ.
«لاَ يَصُومَنَّ أَحَدُكُمْ يَوْمَ الجُمُعَةِ، إِلَّا يَوْمًا قَبْلَهُ أَوْ بَعْدَهُ» (رواه البخاري)
މާނައީ: "ތިޔަބައިމީހުންކުރެ އެކަކުވެސް ހަމައެކަނި ހުކުރު ދުވަހު ރޯދައަށް ނުހުންނަ ހުށިކަމެވެ. އެހެނެއްކަމަކު، އެއާ ވިދިގެން އެއް ދުވަސް ކުރިން، ނުވަތަ އޭގެ އެއް ދުވަސް ފަހުގެ ރޯދައާއެކު ހިފާށެވެ."
ފާއިތުވީ ރޯދަ މަހުގައި ނުހިފިހުރި ރޯދަތައް ހިފުމަށް މިހާރު އޮތީ ދާދި ކުޑަ ދުވަސްކޮޅެކެވެ. މިއީ ޝަޢުބާން މަހެވެ. އުޒުރަކާ ނުލައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. ވީމާ، އެފަދަ ކަމަކާއި ގުޅިގެން ދޫވެފައިވާ ރޯދަތައް ހިފުމަށް އަވަސްވެގަންނާށެވެ.