ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ޕްލޭނިން މިނިސްޓްރީގެ މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ވިދާޅުވެ އަދި މިނިސްޓަރު މުހައްމަދު އަސްލަމް ކުޅުދުއްފުއްޓަށް ދިގު މުއްދަތަކަށް ވަޑައިގަތުމަށް ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ދައުވަތު ދެއްވައިފި އެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީގެ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ވަރަށް ގިނަ މަޝްރޫއުތައް ހުރީ މަޑުޖެހިފައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަޝްރޫއުތައް މަޑުޖެހިފައިވާކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ޔާސިރު އިތުރަށް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގައި އެންއެސްޕީއެއް ހެދުމުގެ މަސައްކަތް ފެނިގެންދިޔަ ކަމަށާއި އެހެންނަމަވެސް ފަހުން ޕްލޭންއަށް ވީ ގޮތެއް އެނގިފައިނުވާ ކަމަށާއި އާންމު ކުރެއްވި މަންޒަރެއް ވެސް ފެނިފައިނުވާކަމަށެވެ.
""އެބަހުރިތޯ ކުޅުދުއްފުއްޓަށް ވަޑައިގެން ވަކި ދުވަސްކޮޅަކަށް ބޭސް ވެލައްވައިގެން މިކަންތައްތައް ހައްލު ކުރެވެން؟"ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް
މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ނޭޝަނަލް ޕްލޭނެއް ހަދާ މަސައްކަތްތައް ކުރިއަށް ދަނީ އެ ޕްލޭންގެ ދަށުން ކަމަށެވެ. ނޭޝަނަލް ޕްލޭންގައި ހިމެނޭ ރާއްޖޭގެ 3 ރީޖަން 6 ޒޯނަކަށް ބަހާލައިގެން ޒޯންތަކުގެ ކުލަސްޓާތަކެއް ހުރެގެން އެގޮތަށް މަސައްކަތް ކުރުމަށް ޕްލޭންގައި ލިޔެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސްޕެޝަލް ޕްލޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ދޭ ކަމަށާއި އެއީ ސިއްރުކުރެވިފައިވާ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. އަދި ހަމަ އެޕްލޭންއާއި ގުޅިގެން ޓްރާންސްޕޯޓް ނެޓްވޯކް ވެސް ގާއިމުކުރެވިފައިވާކަމަށެވެ. އެއާޕޯޓްތައް އެޅުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދަނީ އެޕްލޭންގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ކުޅުދުއްފުއްޓަށް ވަޑައިގެން ބޭސް ވެލެއްވުމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެސުވާލު ކުރެއްވީ ކީއްވެކަން އެނގިލައްވާ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ދަށުން ކުޅުދުއްފުށީގެ ހިންގުމަށް ބަޖެޓްގައި ހިމެނިފައިވާ 3 މަޝްރޫއަކީ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއުއާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓްގެ މަޝްރޫއު އެވެ. އެހެންނަމަވެސް މީގެ ތެރެއިން އަދި މިހާތަނަށް ފެށިފައިވަނީ މަގު ހެދުމުގެ މަޝްރޫއު އެކަނި ކަން ފާހަގަކޮށްލެވެ އެވެ.