ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހުރިހާ ކިއުއާރު ޕޭމަންޓްތަކަށް ވެސް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަން ޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލުގެނެސްފިއެވެ.
އެޕް އަޕްޑޭޓް ކުރުމާއެކު ބީއެމްއެލް މޯބައިލް ބޭންކިން އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.
ބީއެމްއެލް އިން ބުނީ އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ.
For a safer banking experience, we are enforcing additional security for QR Payments. 🔐
— Bank of Maldives (@bankofmaldives) March 6, 2023
Don’t share your OTP with anyone! 🚨
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާއިރު ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި މަސް ނިމުމުގެ ކުރިން އިތުރު ކަންތައްތަކެއް ތައާރަފްކުރާނެ ކަމަށެވެ.
"ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.،" ބީއެމްއެލް އިން ބުނެ އެވެ.