twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ލިމިޓު ބޮޑުކޮށްފި

Mar 18, 2023

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސް މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ނަގުދުފައިސާ އާއި މުދާ ނެގޭގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިސްލާމިކް ފައިނޭންސަށް ގެނައި ހެޔޮ ބަދަލާއި ގުޅޭގޮތުން ގައުމީ ބޭންކުން ބުނީ، އެ ބޭންކުގެ އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ އާއި މުދާ މިހާރު ނެގޭނޭ ކަމަށެވެ. މީގެ ކުރިން ނެގެނީ 300،000 ރުފިޔާ އާ ހަމައަށެވެ.

ބީއެމްއެލްއިން މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީއަށް ވެސް ބަލައެވެ. އަދި ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ވާނަމަވެސް ފެސިލިޓީއަށް އެދި ހުށައެޅޭނެއެވެ.

މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ހިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގެ (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ)، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަނެވޭނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. ނަމަވެސް ރިޓަޔާމަންޓް ޕެންޝަން ތެރޭގައި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެއެވެ.

ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355