ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތްދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ.
އެގޮތުން މި ދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދޭނެއެވެ.
މި ހިދުމަތްތަކަށް ހެނދުނު 11:00 ގެ ކުރިން ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން ހެނދުނު 09:00 ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް އިން ބުނީ، މި ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރާނީ ދެންބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށެވެ.
ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށެވެ.