ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކުން ރޭ ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބޮރޫޝިއާ ޑޯޓުމަންޑް ބަލިކޮށް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ރޭ ޑޯޓުމަންޑުގެ މައްޗަށް ބަޔާނުން ކުރިހޯދީ 4 - 2 ންނެވެ. މިއީ ތޯމަސް ޓުޗެލް އެކުލަބާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ. ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން 55 ޕޮއިންޓާއެކު އެވެ. 26 މެޗުން 53 ޕޮއިންޓާއެކު ޑޯޓުމަންޑް ދެވަނައިގައި އޮތްއިރު 3 ވަނައިގައި އޮތީ 51 ޕޮއިންޓާއެކު ޔޫނިއަން ބާލިން އެވެ.
ކުރިން ޑޯޓުމަންޑަށް ވެސް ކޯޗުކަން ކޮށްދިން ޓުޗެލް މިވަނީ ބަޔާނަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި ޑޯޓުމަންޑް ބަލިކޮށް ލީގުގެ އެއްވަނައަށް ބަޔާން އަރުވައިދީފަ އެވެ.
ރޭގެ މެޗުގެ ކުރީކޮޅު ބަޔާނުން ލީޑު ނެގި އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން 13 ވަނަ ލީޑު ނެގީ ޑޯޓުމަންޑުގެ ކީޕަރު ކޮބެލް އަތުން ބައިކޮޅަށް ވަން ގޯލާއެކު އެވެ. އޭގެއިރުކޮޅެއްފަހުން ތޯމަސް މުލާގެ ލަނޑުން ބަޔާނުން ލީޑު ފުޅާކުރި އެވެ.
2 ވަނަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ މުލާ ވަނީ އަނެއްކާވެސް ބަޔާނަށް ލަނޑެއް ޖަހައިދީފަ އެވެ. ފުރަތަމަ ހާފު ބަޔާނުން ނިންމާލީ 3 - 0 ގެ ލީޑަކުންނެވެ. ދެވަނަ ހާފުވެސް ވަރުގަދަކޮށް ފަށާފައިވަނީ ބަޔާނުންނެވެ. ފުރަތަމަ ފަސް މިނެޓުތެރޭ ބަޔާނުގެ ކިންގްސްލީ ކޯމަން އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.
ޖޫޑް ބެލިންހަމްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން 72 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ އެމްރޭ ޗާން އެޓީމަށް ގޯލެއް ޖަހައިދިނެވެ. އަދި މެޗުގެ އެންމެ ފަހުވަގުތު ޑޮންޔެލް މާލެން ޑޯޓުމަންޑުގެ ދެވަނަ ލަނޑު ޖަހައިދިން ނަމަވެސް އެޓީމަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.