އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި އޭސީ މިލާން އެއްވަރުވިއިރު ނަޕޯލީން ލީގުގެ އެއްވަނައިގައި 19 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
1990 ވަނަ އަހަރަށްފަހު އަދި މިހާތަނަށް ނަޕޯލީއަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިފައިނުވާއިރު އެޓީމުން އަންނަނީ ލީގު ހިއްލާލެވޭވަރުގެ މޮޅު ކުޅުމެއް މިސީޒަނުގައި ދައްކަމުންނެވެ.
އެގޮތުން އެޓީމުން އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު 29 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 28 މެޗުން 55 ޕޮއިންޓާއެކު ލާޒިއޯ އޮތްއިރު ތިންވަނައިގައި އޮތީ ރޭ އެމްޕޮލީއާއި ލަނޑެއް ނުޖެހި އެއްވަރުވި އޭސީ މިލާނެވެ. އޭސީ މިލާނަށް 29 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.
1 - 1 ން ރޭ ސެލަނިޓާނާއި އިންޓަ މިލާން އެއްވަރުވިއިރު އިންޓައަށް 29 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ލީގުގެ ހަތަރުވަނައިގައި އެޓީމު އޮތްއިރު ފަސްވަނައިގައި 28 މެޗުން 50 ޕޮއިންޓް ހޯދައިގެން އޮތީ ރޯމާ އެވެ.
ރޭގެ މެޗުގައި ނަޕޯލީން ވަނީ ރަށުން ބޭރުގައި ލެއްޗޭ އަތުން 2 - 1 ން މޮޅުވެފަ އެވެ. ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ނަޕޯލީން ލީޑު ނެގި އެވެ. ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއް ތެރޭ ފެޑެރީކޯ ޑި ފްރެންޗެސްކޯ ލެއްޗޭއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ނަޕޯލީން ރޭގެ މެޗުން މޮޅުވި ލަނޑަކީ ލެއްޗޭގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު ނަޕޯލީން ވަނީ ރޭގެ މެޗުން މޮޅުވެ އެއްވަނައިގައި 19 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.